އަންނަ އަހަރު ޖަރުމަނުގެ ބާއްވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ނެދަލެންޑްސްއާއި ގްރީސް ބައްދަލުކުރި ނެޗު ފަސޭހަކަމާއިއެކު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް ބީގައި ނެދަލެންޑްސްއާއި ގްރީސް ބައްދަލުކުރި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ނެދަލެންޑްސް ވަނީ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. ނެދަލެންޑްސްއަށް ކުޅުނު ތިން މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު ގްރީސް ތިންވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ އެއްވަނާގައި އޮތީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދި ފްރާންސެވެ.
ރޭ މެޗުގައި ނެދަލެންޑްސް އިން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާޓެން ޑި ރޫމްއެވެ. ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ގަކްޕޯ ކާމިޔާބު ކޮށްފައި ވަނީ ވެސް ޑަމްފްރީސްގެ އެހީތެރިކަމާއި އެކުގައެވެ. ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ޑަމްފްރީސް ގްރީސްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ ވެގްހޯސްޓެވެ.
މިހާރު ކުރިއަށްމިދާ އިންޓަނޭޝަނަލް ބްރޭކްގައި ނެދަލެންޑްސް އިން އަދި އިތުރު ދެ މެޗު ކުޅޭނެއެވެ. ޔޫރޯ ކޮލިފައިންގައި މި މަހު 10 ވަނަ ދުވަހުގެ ރޭ ނެދަލެންޑްސް ރަށުން ބޭރުގައި ނުކުންނާނީ އަޔަލެންޑާއި ދެކޮޅަށެވެ. އަދި މި މަހު 13 ވަނަ ދުވަހުގެ ރޭ ޔޫރޯ ކޮލިފައިންގައި އަމިއްލަ ގައުމުގައި ނެދަލެންޑްސް އިން ފްރާންސާއި ބައްދަލުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!