އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ވެލި އެ ރަށުގެ ގޯތިތަކަށް އަޅައިދޭނެ ކަމަށްބުނެ ޚަބަރުނުވާ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ބުނިވާހަކަތައް އެމްޓީސީސީން ދޮގުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ނެރުނު ބަޔާނެއްގަައި ބުނީ ވެލި ބޭނުންވެގެން ނޯޓުކޮށްފައިވާ ގޯތިތަކަށް ވެލި އަޅައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނި ކަމަށެވެ. އަދި އެ މަސައްކަތް ފެށޭނެ ތާރީހެއް އަންގަން އެދުނު ނަމަވެސް އެ ކުންފުނިން ޖަވާބު ދީފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅިގެން ރޭ އެމްޓީސީސީން ވަނީ އެ ޚަބަރަކީ ދޮގު ޚަބަރެއް ކަން ހާމަކޮށް އެކަން ކުށްވެރިކޮށްފައެވެ. އެގޮތުން ވެލި އެޅުމުގެ މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރުމަށް ނިންމި ކަމެއް ކަމަށާއި ވެލި އަޅާ ގޯތިތަކުގެ ލިސްޓެއް ދޭން ބުނި ނަމަވެސް މިއަދާ ހަމައަށް ކައުންސިލުން ނުދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެލި އަޅާ ގޯތިތަކުގެ ލިސްޓެއް ހޯދަން އެދުނީ ހުރިހާ ގޯއްޗަަކަށް ވެލި އަޅަން އެދުނު ނަމަވެސް ބައެއް ގޯތިތަކަށް އެ ގޯތިތަކުގެ ވެރިފަރާތުން ވެލި އަޅަން ބޭނުންވާތީ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން 2019 އިން ފެށިގެން މިހާތަނަށް އިހަވަންދޫގައި އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް 1.05 މިލިއަން ރުފިޔާގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންވެ، އެ ރަށު ކައުންސިލުން ނެރުނު ބަޔާނަކީ އެމްޓީސީސީއާ މެދު ރައްޔިތުން ނަފުރަތު އިފެދޭގޮތަށް ނެރެފަައިވާ ޒިންމާދާރު ކުޑަ ބަޔާނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި، ދިވެހި ސަރުކާރުން އެކަށައަޅުއްވައިފައިވާ އިސްތިރާޖީ ރޭވުންތަކާއި، ޤައުމުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކާއި، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން އަންނަ އެކިއެކި ހަރަކާތްތައް ބަލައިގަނެ ކުންފުންޏަށް ކުރާ އިތުބާރަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި "ރައްޔިތުންގެ ކުންފުނި" މސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މުޖްތަމައުއަށް ހިދުމަތްކުރުމުގެ ރޫހުގައި މަސައްކަތް ކުރާ ކަމަަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!