"ވޯޓު ވިޔުގަ"އިގެ ނަމުގައި ސޮފްޓްވެޔާ އެއް ތައްޔާރުކޮށްފައިވާކަމަަށް ބުނެ ދަ ޑިމޮކްރެޓުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރާއި، އެންސްޕާއާއި، އާސަންދަ ފަދަ ދައުލަތުގެ އެކި އަސާސީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ދިވެހި ރައްޔިތުންގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި، ޑޭޓާ ވަގަށް ނަގައިގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެޔާ އެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވަން ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގަމުންދާ ކެމްޕޭނަށް މި ސޮފްޓްވެޔާ ބޭނުން ކުރަމުންދާ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އަނބިފިރި ދަރިންނާއި، މައިންބަފައިންނާއި، އެއްބަނޑު، އެއްބަފާ މީހުން ވެސް އެނގޭނެހެން މި ސޮފްޓްވެޔާ ގައި ލިސްޓުކޮށްފައިވާ ކަމަށެވެ. އަދި މިއީ ޑީއެންއާރްގެ ޑޭޓާބޭސް އިން މެނުވީ ހޯދޭން އޮންނާނެ އަދި އިހު އެއްވެސް ސިފައެއްގައި އާންމުކޮށްފައި ނުވާ މައުލޫމާތު ކަމަށެވެ.

މި ސޮފްޓްވެޔާ އިން ވަޒީފާ އަދާކުރާ ތަނާއި، ފޯނު ނަންބަރާއި، ސިޔާސީ ޕާޓީ ވެސް އެނގެން އޮންނަކަމަށާއި މިއީވެސް އާސަންދައާއި، އެންސްޕާ ފަދަ މުވައްސަސާރަކުގައި މެނުވީ ނުހުންނާނެ، ޢާންމުކޮށް ލިބެން އެއްގޮތަކަށް ނެތް މައުލޫމާތުކަން އެ ބަޔާނުގައި ފާހަގަކިށްފައި ވެއެވެ.

ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޯތިގެދޮރާއި، އަނެކުންނާއި ކުރާ ޒާތީ މުވާސަލާތަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ބަޔާންކޮށްފައިވާ ކަމަށާއި އަދި ޤާނޫނުލް ޢުޤޫބާތުގެ 232 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ހުއްދައެއް ނެތްކަން އެނގިހުރެ މައުލޫމާތު ހޯދުމާއި، މަތީ ދަރަޖައަކަށް ރައްކާކުރެވިފައިވާ ނުވަތަ މީހެއްގެ އަމިއްލަ މައުލޫމާތު ހޯދުމަކީ ކުށެއްކަމަށް ވެސް ޑިމޮކްރެޓުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ދައުލަތުގެ ބޭނުމަަށް އެއްކޮށްފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތާއި، ޑޭޓާއަކީ އެހިނދު ވެރިކަންކުރާ ޕާޓީއެއް ހިތުހުރިހާ ގޮތަކަށް، ސިޔާސީ ބޭނުންތައް ފުއްދާން ހުރި ތަކެއްޗެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ރަސްމީ ބޭނުމަށް ދައުލަތަށް ދޫކޮށްފައިވާ އަދި ދައުލަތުގެ މުވައްސަސާގެ މައުލޫމާތަށް މެނުވީ އިތުރު ބޭނުންތަކުން ރައްކާތެރިކުރެވިފައިވާ ތަކެތި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވަނީ "ވޯޓު ވިއުގަ"އިގެ މައްސަލަ ބަލާ، ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މުވައްސަސާތަކަށް ގޮވައިލާފައެވެ. އަދި އެމްޑީޕީއަށް ލީކުކޮށްފައިވާ މިވާ މައުލޫމާތުގެ މައްޗަށް އެޕާޓީއަށް އޮތް އެކްސެސް ވަކިކޮށް، ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ވެސް ގޮވައިލާފައި ވެއެވެ.