އަނެއްކާ ވެސް ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކޭސް ފެނިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

Ad
rt

އެހެންކަމުން މި ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް، އޭނާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރުކުރަމުން ގެންދާ ކަމަށާއި މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މީގެ އިތުރުން ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ކޭސް ފެނިފައިނވާ ސަރަހައްދެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހީގެ ކޭސްތަކެއް މިފަހުން ފެނިފައިވާއިރު، އޮގަސްޓް މަހާއި ޖުލައި މަހު ވެސް ހިމަބިހީގެ ކޭސްތަކެއް ވަނީ ފެނިފައެވެ.

އެ ދެ ކޭހާއާ ގުޅޭ ގޮތުން އެޗްޕީއޭއިން ވިދާޅުވެފައިވަނީ އެ ދެ ކޭސްގެ ގުޅުމެއް ހުރިކަމަށް މިހައިނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނެތް ކަމަށާއި މި ދެ ކޭހުގެ ތެރެއިން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނުނު ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން ހިމެނެއެވެ. އަދި ލޯ ރަތްވުން ވެސް ހިމެނެއެވެ.

އެއްވެސް ފަރާތަކުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.