ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޖޭޕީގެ ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ގަމުގައި ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ ލ. އަތޮޅުގައި ތިބި މަސްވެރިންނަށާއި އެހެނިހެން ކަންކޮޅުތަކުގައި ތިބި މަސްވެރިންނަށް އެންމެ އުފާވެރި ހަބަރުތަކެއް ދެއްވި ކެންޑިޑޭޓަކީ ގާސިމް ކަމަށެވެ. ގާސިމް ވަނީ މިހާރު 17ރ. އަށް ގަންނަ މަސް ކިލޯއެއްގެ އަގު 26ރ. އަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރިޔާޒް ވިދާޅުވީ ކޮންމެ 15 މޭލަކުން އައިސް ލިބޭނެ ނިޒާމާއި ދޯނިފަހަރުގައި މަސް ފިނި ކުރެވޭނެ ނިޒާމާއި ރާޑަރު ސިސްޓަމް ގާއިމު ކުރުމަކީ ވެސް ގާސިމްގެ ވައުދެއް ކަމަށެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި މެނިފެސްޓޯއެއް ސީދާ އޮތީ ޖުމްހޫރީ ޕާޓީގައެވެ. އެހެންވެ، ގާސިމަށް ވޯޓު ދީގެން ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތިޔަބޭފުޅުންގެ ހުރި މައްސަލަތަކަށް ހައްލު ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އެއީ. ތިޔަބޭފުޅުން ކަރުނަ އަޅައި ރޯނެ، އެމަނިކުފާނުގެ ވެރިކަން ނޫން އެހެން ވެރިކަމެއް ފެނިއްޖެ ނަމަ." ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒްގެ ވާހަކައިގައި ވަނީ ގާސިމްގެ ބައެއް ވައުދުތައް ހަނދާންކޮށް ދެއްވައިފައެވެ. އެގޮތުން އަލަތު ކައިވެންޏާ އެކުގައި ފްލެޓު ދޭނެ ކަމުގެ ޔަގީންކަމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާފައި ހުރި ފްލެޓުތަކާއި ގެތަކުގެ ކުލި މާފްކޮށް ދެއްވާނެ ކަން ފާހަގަ ކުރެއްވިއެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު 100 މީހުން ހިލޭ ހައްޖަށް ގެންދަން ބޭނުންވެ، އެކަން އިއުލާން ކުރެއްވި ހަމައެކަނި ބޭފުޅަކީ ގާސިމެވެ. އެހެންވެ، ރައްޔިތުންނަށް ލިބުނު މި ފުރުސަތުގެ ބޭނުން ދޫކޮށް ނުލެއްވުމަށް ރިޔާޒް ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!