ކޮންމެ ތިން މަހަކުން އެއްފަހަރު ރިސޯޓް މުވައްޒަފުންނަށް ކުޑަ ޗުއްޓީއެއް ލިބޭ ގޮތް ހަމަޖަސަވައި ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ "ސަންގު ޓީވީއިން" ގެނެސްދިން ޕްރޮގްރާމެއްގައި ރިސޯޓް މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ އޮފް ދުވަސްތައް އެއްކޮށްލައިގެން ކޮންމެ ތިން މަހަކުން އެއް ފަހަރު ޗުއްޓީއަށް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

Ad
rt

"އޭރުން ލިބޭނެ 12 ދުވަހުގެ ޗުއްޓީއެއް، މިނިމަމް އަށް ދުވަސް އެއްކޮށްލައިގެން. އޭރުން ކުޑަ ވަރެއްގެ ޗުއްޓީއަކަށް އެ ހެދުނީ، އެ ޗުއްޓީގައި އާއިލާ ކައިރިއަށް ދެވޭނެ، އޭރުން ވަރަށް ބޭނުންތެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އާއިލާއާއިއެކު އެ މީހުންނަށް، އެގޮތަށް ބަދަލުތަކެއް ގެންނާނަން."

މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުން ރިސޯޓް މުވައްޒަފުންނަށް ރަނގަޅު ޗުއްޓީއެއް އާއިލާއެކު ވަގުތު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ޗުއްޓީއަކީ އަހަރީ ޗުއްޓީގެ އިތުރުން ލިބިގެންދާނެ ބްރޭކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ކުރިން މުއިއްޒު ވިދާޅުވުމުން، ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުން އޮތުމުން، އަހަރުގެ މެދުތެރެއާއި، ފަހުކޮޅުވެސް ބޮޑު ޗުއްޓީއެއް ހަމަޖައްސަވާނެކަމަށް ވަނީ ވިދާޅުވިއެވެ.