މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ އާއި ބްރިޖުން ގުޅާލުމަށް ފަހު، ވަރުގަދަ އާބަން ސެންޓަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ގައްދުއަކީ އެ ވަރުގެ ބޮޑު އާބާދީއެއް އޮތް ތަނެއްކަން ފާހަގަކުރައްވާ ވިދާޅުވީ މީހުން ގިނައިން ތަނެއްގައި އުޅޭ ނަމަ ތަރައްގީ ގެނެވޭނެ ކަމަށެވެ.
މާލެ ނޫން ސަރަހައްދުތައް މީހުން އާބާދުކޮށް، ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ހަދަނީ އެ މަގުސަދުގައި ކަމަށެވެ.
މީގެ އިތުރުން އާބަން ސެންޓަރެއްގެ ގޮތަށް ގައްދޫ ތަރައްގީ ކުރާއިރު، އިތުރަށް ބިން ހިއްކައި ޒުވާނުންނަށް ގޯތި ދޫކުރާނެ ކަމަށާއި ހިދުމަތްތައް ވެސް ފުޅާކޮށް ފެންވަރު ރަނގަޅު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގައްދޫ އޮތީ އިގުތިސާދީ ގޮތުން ވަރަށް ގިނަ ފައިދާތައް ނެގޭނެ ސަރަހައްދެއްގައި ކަމަށްވީ ނަމަވެސް، ސަރުކާރުތަކުން އެ ކަމަށް ވިސްނައިފައެއް ނެތް ކަމަށާއި ސަރުކާރުތަކުން ބޭނުން ވަނީ ރައްޔިތުން ނިކަމެތިކޮށްފައި ބޭއްތިބުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންނަމަވެސް އޭނާ ރާއްޖޭގެ ވެރިކަމަށް އަންނަނީ އެކަން ބަދަލުކުރުމަށް ކަމަށާއި ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތައް ގައްދޫގައި ފުޅާކުރުމަކީ ވެސް ނާޒިމްގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
"ގައްދުއާ ޖެހިގެން އޮންނަ ގަން، އަޅުގަނޑުގެ ސަރުކާރެއްގައި ގައްދޫގެ މީހުންނާ ހަވާލު ކުރާނަން. އެތަނުން އިގުތިސާދީ ނަފާ ގައްދޫގެ މީހުންނަށް ހޯދޭނެ ގޮތް ހަދާނަން. އަޅުގަނޑު މި އަންނަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށްޓަކައި،" ނާޒިމް ވިދާޅުވިއެވެ.
ގައްދޫގެ މަސްވެރިންނަށް ވެސް ވައުދުތަކެއްވެވަޑައިގެން ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ގައްދޫގައި ތެޔޮ ރައްކާކުރެވޭ ގޮތް ހަދާނެ ކަމަށާއި މަސް ރައްކާކުރެވޭ ގޮތަށް ރަނގަޅު ފެންވަރުގެ ކާރުހާނާއެއް ހަދާނެ ކަމަށެވެ. އަދި އެރަށުގައި ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅައި، ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!