ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނޭކުރެންދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި އެ ރިޕޯޓް ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުނުގޮތް ތަހުގީގްކުރުމަށް އުފެއްދި މިނިވަން ކޮމިޝަނުން އެކުލަވައިލި ކޯނީ ރިޕޯޓު ގެއްލުނު ގޮތް ބަަލައި، ތަހުގީގުކޮށް އޭގެ ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހެޅިނަމަވެސް އެ ރިޕޯޓް ނެތްކަން އެނގިވަޑައިގެންނެވީ ކޮން އިރަކުކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ، އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދުކުރަ ބޭފުޅުން ގަބޫލު ކުރާ ގޮތުގައި، ބަޣާވާތަކުންނެވެ. އެކަމަކު، ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު އެކަން ބެލުމަށް ތަހުގީގީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ވަނީ އުފައްދާފައެވެ.
އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓް ބުނާގޮތުން ރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ކަމަށެވެ.
މީގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!