ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި ކަމަށެވެ.

Ad
rt

ގާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްގީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ތަރައްގީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވިދާޅުވީ އުމުގެ ފުދުންތެރިކަން ވަރަށް ވަރަށް ދަށްވެފައިވާ އިރު، ދަރަނި ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި ދިވެހިންގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު ނިސްބަތުން އާބާދީ ބޮލަކަށް ޖެހޭވަރު 27،000 ޑޮލަރަށް ގާސިމް ބަދަލުކޮށްދެއްވާނެއެވެ. މިހާރު ގާތްގަނޑަކަށް 17،000 ނުވަތަ 18،000 ޑޮލަރު ބޮލަކަށް ޖެހޭކަން އަމީން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށާއި ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ހަތަރު ބިލިޔަނުން އަށް ބިލިޔަން ޑޮލަރަށް އިތުރުކޮށްދޭނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ރާއްޖެއަށް ކުރަންޖެހޭ އިންވެސްޓުމެންޓުތަކާއި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އަދި ރާއްޖޭގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޚަޒާނާގައި އެއް މިލިޔަން ޑޮލަރު ބަހައްޓައިދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ފާއިތުވީ 30 އަހަރުތެރޭ އައްޑޫ ސިޓީ އަށް ކޮށްދޭން ސަރުކާރުތަކުން ބުނި ކަންތައް އަދިވެސް ނުކުރާ ކަމަށެވެ. ގާސިމްގެ ވެރިކަމެއްގައި އެ ތަރައްގީ ފެންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.