ލ. ގަމު ކައުންސިލްގެ އެމްޑީޕީގެ ޒުވާން ނައިބު ރައީސް، އާސިފް (އައްޑޯ) އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.
އޭނާ ޕްރިގްރެސިވް ކޯލިޝަނާއި ގުޅުނޫ ގަމުގައި ރޭ އޮތް ޖަލްސާގައެވެ.
އައްޑޯ ޕީޕީއެމް އާ ގުޅުމަށްފަހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ލ. އަތޮޅު ގަމުން ޑރ. މުއިއްޒުއަށް މެޖޯރިޓީ ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ 12 އަހަރު އެމްޑީޕީގައި ދެމިހުރީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަމުދާތީ ކަމަށާއި އެހެންނަމަވެސް މިހާރު އެމްޑީޕީ ހިންގަދީ ޒުވާނުން ބާކީކޮށްފައި ކަމަށެވެ. އަދި ވެފައިވާ އެއްވެސް ވައުދެއް ވެސް ނުފުއްދާ ޚުދުމުހުތާރު ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޯ ވިދާޅުވީ ގަމު ކައުންސިލަށް މިސަރުކާރުން އެކި ގޮތަށް ދަޅަ ދެއްކި ކަމަށާއި ގަމުގައި އަޅަން ބުނި 600 ހައުސިން ޔުނިޓް ތިރިވީ 100 ޔުނިޓަށް ކަމަށެވެ. އަދި މަސްވެރިން ތިބީ ބާނާ މަސްކޮޅަށް ފައިސާ ނުލިބިކަމަށެވެ.
މީގެ އިތުރުން ޒުވާނުން ކުރާނެ ކަމެއްނެތި މަގުތަކަށް ގިނަވެފައިވަނީ ވަޒީފާއެއް ނެތުމުންކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިސަރުކާރުން ޒުވާނުންނަށް އެއްވެސް ސަމާލުކަމެއް ނުދިނުމުގެ ނަތީޖާ މި އިންތިޚާބުގައި ހިތިވާނެކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް މަދު ދުވަސްތަކުގައި ޒުވާނުންގެ ބޮޑު ތާއީދާއިއެކު ލ. ބަދަލުކޮށް މެޖޯރިޓީ ޑރ. މުއިއްޒުއަށް ހޯދައިދެއްވާނެ ކަމަށާއި ޒުވާނުންނަށް މިސަރުކާރުން ވަނީ އިހުމާލެވެފައި ކަމަށެވެ. އަދި ހުސްދޮގު ހަދައި ޒުވާނުން ބާކީ ކުރީ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!