ސްޕެނުޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ބެލިންހަމް ކާމިޔާބު ކޮށްދިން ލަނޑުން (2-1) ރެއާލް މޮޅުވެއްޖެއެވެ.
ރެއާލްގެ ރަސްމީ ދަނޑު ސަންޓިއާގޯ ބާނަބައު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަތިން ލައްޕާލެވޭ ގޮތައް ހަދަމުންދާ ފުރާޅުގެ މަސައްކަތް ކުރަމުން އަންނާތީ ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު ކުޅެފައި ވަނީ ރަށުން ބޭރުގައެވެ. ނަމަވެސް އެ މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރެވޭވަރުވުމުން ރޭ މެޗަކީ މި ސީޒަންގައި ރެއާލްގެ ރަސްމީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.
ލީގުގައި ރެއާލުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހުރިހާ މެޗެއް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ވެސް ރެއާލްއެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ގެޓާފޭއިންނެވެ. ރެއާލްގެ ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މަޔޯރަލްއެވެ.
މެޗުން މޮޅުވާން ރެއާލުން ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. އޭގެތެރެއިން ތިން ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، ރެއާލުގެ ހަމަލާތައް ހުއްޓުވުމުގައި ގެޓާފޭގެ ކީޕަރު ސޯރިއާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގައެވެ. މޮޑްރިޗް ގްޓާފޭގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ސަލާމަތް ކުރަނަ ގެޓާފޭގެ ޑިފްންސުން މަސައްކަތްކުރުމުގެ ތެރެއިން ތަނަވަސްވީ ފުރުޞަތުގައި މި ލަނޑު ރެއާލަށް ޖަހައިދިނީ ޖޯސެލޫއެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓްގެ ތެރޭ ރެއާލުން ވަނީ ލަނޑުޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. ލޫކަސް ވަޒްކޭޒް ފޮނުވާލި ބާރު ހަމަލާއެއް ގެޓާފޭގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި މެޗު ކާމިޔާބު ކޮށްފައެވެ.
ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް މި ސީޒަންގައި ރެއާލާއި ގުޅުމަށް ފަހު ބެލިންހަމް އަންނަނީ އެ ޓީމްގައި މޮޅަށް ކުޅެމުންނެވެ. މިގޮތުން އޭނާ ވަނީ ރެއާލަށް ލީގުގައި ކުޅެދިން ހަތަރު މެޗުގައި ފަސް ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!