މި މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދެވަނަ ދައުރަށްފަހު، ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އިން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމުގައި ވެރިކަމަށްފަހު ދެން އެ މަނިކުފާނު ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުންތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ އިތުރަށް ދެން ސިޔާސީ މަސައްކަތުން ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

Ad
rt

އެހެންނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދުވަސްކޮޅަކު ހުންނަވަން ގަސްދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ސާލިހު ވިދާޅުވީ ސިޔާސީ އިތުރު މަސައްކަތެއް މި ދައުރަށްފަހު ނުކުރައްވާނެ ކަމަށާއި އެކަމަކު ރައްޔިތުންނަށް ކޮށްދެވޭނެ ބައެއް މަސައްކަތްތަކުގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން ވޮލަންޓިއާކޮށް ކުރެވިދާނެ ބައެއް ކަންކަން ކޮށްދެއްވުމަށް ވިސްނުންފުޅުގައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރަށްފަހު، ސިޔާސީ ކެރިއާ އެއްކޮށް ނިންމަވައިލައްވާނެ ކަމަށެވެ.

ރައީސް ސާލިހު ވަނީ ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރެއްގައި މަސައްކަތްކުރައްވާފައެވެ. އެއީ ޅ. އަތޮޅުގެ މެމްބަރުގެ ގޮތުގަޔާއި އުފަންރަށް ހިންނަވަރު ތަމްސީލުކުރާ ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައެވެ.

ރިޔާސީ މިދައުރު ނިމޭއިރު، އެމަނިކުފާނު ސިޔާސީ މަސައްކަތުގައި އުޅުއްވާތާ 30 އަހަރު ވާނެއެވެ.

މި އޮގަސްޓު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަލުރައްވައި، ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ސާލިހު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން ނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކަަކަށް ވަޑައިގެންފައިވާއިރު، ވިދާޅުވަމުން ގެންދަވަނީ އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.