މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށް ދިވެހި ފުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ.
ތޮލާލް ވަނީ ފުލުހުންނާއި ސިފައިން، އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެންތަންތަނަށް ޑިއުޓީއޭ ކިޔައި ފޮނުވައި އެމީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލުވާލަން ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އިންތިޚާބާއި ގުޅިގެން، ފުލުހުންގެ ފަރާތުން ހިންގާ ސެކިއުރިޓީ އޮޕަރޭޝަންތަކުގައި އެކި ރަށްރަށަށް ފުލުހުން ޑިޕްލޯއީ ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓު ލުމުގެ ހައްގުން މަހުރޫމުވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަކަމަށެވެ.
އެހެންނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި އެފަދަ ފަރާތްތަކުގެ ވޯޓުލުމުގެ ހައްގުން މަހުރޫމް ނުވާނެ ކަމަށެވެ.
އެ އިދާރާ އިން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ވަކި ވަކި ރަށްރަށަށް ދާ ފުލުހުން، ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެތަންތަނަށްދާ ފުލުހުން ރީރަޖިސްޓްރީ ކުރެވި ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެހެންކަމުން މިއޮޕަރޭޝަންގައި ޑިޕްލޯއިކޮށްފައިވާ އެއްވެސް ފުލުހެއްގެ ވޯޓްލުމުގެ ހައްގު ނުގެއްލޭނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ ދަށުން ހުރިހާ އަތޮޅެއްގައި ވެސް އިންތިހާބާއި ގުޅޭ އެކި ކަންކަމުގެ ސަލާމާތީ ކަންކަން ކަށަވަރު ކުރުމަށް ފުލުހުން ހަރަކާތްތެރި ވަމުން ގެންދަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!