ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި، ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގަމުމަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި، ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
ހަމައެހެންމެ ދިވެހިންގެ "ގޯތީގެ އިންފާރު މަތިން" ނާރާހާ ހިނދަކު، ކޮންމެ ގައުމަކާ ވެސް ގުޅުން ބާއްވަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށާއި، ފަސް އަހަރު ވަންދެން ޓްރެއިނިންއެއްގައި ކަމަށް ބުނެ، ސިފައިން އައިސް ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިއިއްޒު ވިދާޅުވިއެވެ.
"ދިވެހިންގެ ގޯތީގެ އިންފާރުމަތިން" ނާރާހާ ހިނދަކު، އަޅުގަނޑުމެންނާ ކޮންމެ ގައުމަކާ ގުޅުން އޮންނާނެ. އަޅުގަނޑުމެންނަކީ އެއްވެސް ގައުމަކާ ދެކޮޅުވެގެން އުޅޭ ގައުމެއް ނޫން. އަޅުގަނޑުމެންގެ ބަސް ބުނެ، އިސްތިގްލާލް ހިމާޔަތް ކުރެވޭ ކަމުގައިވާ ނަމަ، އެއީ އަޅުގަނޑުމެން އިސް ކުރާނެ ގޮތް." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ގެންގުޅޭނީ ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. އެގޮތުން އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މެލޭޝިއާ ވިޔަސް، ލަންކާ ވިޔަސް، އެހެން ތަނެއްގައި ތިބި ކަމަށްވިޔަސް، އެއީ ރައްޔިތުން. އެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ވާން ޖެހޭނީ ފައިދާ. އެހެން ގައުމަކަށް ނޫން ފައިދާ ވާން ޖެހޭނީ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިގްތިސާދު ކުރިއަށް ގެންގޮސް، އަމިއްލަވަންތަކަން ދަމަހައްޓައި ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި އޮތް މިނިވަންކަމާއި އަމިއްލަވަންތަކަމަށް ބޭރުގެ ގައުމުތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، އެ އިހްތިރާމް ކުރާ ނަމަ، ކޮންމެ ގައުމަކާ ގުޅުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!