އަދިވެސް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު ވެރިކަމަށް ހޮވައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ރައީސް ސާލިޙް އިއްޔެ ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފައެވެ. އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރައީސްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ އެރަށުގައި ބާއްވާފައެވެ.

Ad
rt

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އުމުރުފުޅުން 10 އަހަރު ވަންދެން އުޅުއްވީ ހިންނަވަރުގައިކަން ފާހަގަކުރައްވާފައެވެ. އަދި އޭގެފަހުން އަބަދުވެސް ރަށަށް ވަޑައިގަންނަވާތީ ހިންނަވަރާއި އަތޮޅު ތެރޭގެ އެހެން ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނިމިދިޔަ ސަރުކާރުތަކުން ވެފައި އޮތް ބޮޑު އިހްމާލު އެނގި ތަޖުރިބާ ކުރެވުނުކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކުރުމަށް ފަށާފައި ހުރި މަސައްކަތްތައް ނިންމާ، ރަށްތަކަކީ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަ ތަންތަނަށް ހެދުމަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ހިންނަވަރާއި ފާދިއްޕޮޅު އަދި ދިވެހި ރައްޔިތުން ތިބީ ބަދަލެއް ނައިސް، ގޮތެއް ނިންމައިގެންކަން ޔަގީންވެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު ހޮވައިގެން ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ހިންނަވަރު ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ނައިފަރު ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން، މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން'' ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނު ހިންނަވަރުގައި ހޭދަކުރެއްވި ދުވަސްތަކުގައި އުޅުއްވި ދަތި އުދަނގޫ ދުވަސްތައް ރައީސް ހަނދާން އާކުރައްވާފައެވެ. އަދި ހިންނަވަރުގެ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.