ޅ ނައިފަރަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެރަށުގައި 400 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ނައިފަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގައި، އެރަށުގައި 400 ހައުސިން ޔުނިޓް އެޅުއްވާނެކަމަށެވެ.

Ad
rt

ހަމައެހެންމެ ނައިފަރުގައި މިހާރުވެސް ގެދޮރު ބޭނުންވާ 900 އަށް ވުރެ ގިނަ ރައްޔިތުން ތިބި އިރު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް 45 ހެކްޓަރުގެ ބިން ހިންކުމުގެ މަޝްރޫއެއް ފައްޓަވައި ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރުވެސް އެރަށުގައި 80 ވަރަކަށް ގޯތި ދެވެން އޮތް އިރު، އެކަން ސަރުކާރުން ހިފަހައްޓާފައިވާ ކަމަށާއި، އޭނާގެ ވެރިކަމެއްގައި އެ ގޯތިތައް ވެސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ހެދި ހައުސިން ޔުނިޓްތަކުގެ ކުލި ބޮޑު ކަމަށާއި، އޭނާގެ ވެރިކަމެއްގައި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަ ކުރައްވާނެކަމަށެވެ. އެގޮތުން 5000 ރުފިޔާގެ ކުލި 3500 ރުފިޔާއަށް ކުޑަ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ވާހަކަ މި ދައްކަނީ ހިސާބުތައް ބަލާފައި. ގެއްލުމެއް ނެތި މިކަން ކުރެވޭނެ. އެނގިހުރެ ޓެކްނިކަލް މައުލޫމާތު ހުރެގެން ވާހަކައެއް މި ދައްކަނީ" މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ނައިފަރަށް ވަޑައިގެންނެވުމުން މިސަރުކާރުން އެރަށަށް އިހުމާލުވެފައިވާ މިންވަރު ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެރަށުގެ ބިން ހިއްކައި، އާ ބަނދަރެއް އަޅައި އަދި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ފޯރުކޮށްދިނުމަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލު ކުރައްވާނެކަމަށެވެ.