ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،151،90 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟަކަށް ވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 ޕަސެންޓެވެ. މިދިޔަ އަހަރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7062.65 ރުފިޔާއެވެ.
ޒަކާތުގެ ނިޞާބުގެ މިންވަރު ރާއްޖޭގައި ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު، ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
2016 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 26.8 މިލިއަން ރުފިޔާ ބަހާފައިވެއެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހުންނަށް އެ ފައިސާ ބަހާފައިވާއިރު އެއީ ކޮންމެ ބޮލަކަށް 3،500 ރުފިޔާ ވަނީ ބަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!