މ. މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން 44،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުމާއި 23،100 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 2،520 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ.
އަދި 253 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި 210 މީޓަރުގެ ސޭންޑްފިލް ކީވޯލް ހެދުމާއި ނެރު ފައިކަށި ޖެހުމާއި 13 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓާ ޖެހުމާއި 53 މީޓަރުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
މީގެ އިތުރުން އެއްގަމުތޮށި ޖެހުމާއި ސްކޯރިން އޭޕްރަން ޖެހުމާއި މޫރިން ރިންގު ހަރުކުރުމާއި މޫރިން ބޮއި ހަރުކުރުމާއި ރޭމްޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ނެރު ބައްތި ޖެހުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 485 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 62.6 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!