ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވާ މެމްބަރުން އަލުން އެ ޕާޓީ އާ ގުޅެނީ އެއްވެސް ފަރާތަކަށް ފައިސާގެ މުއާމަލާތެއް ކޮށްގެން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގައި އުފެދުނު ހިޔާލް ތަފާތުވުންތަކަށްފަހު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންނާއި ބައެއް އެހެން މެމްބަރުން އެ ޕާޓީން ވަކިވުމަށްފަހު، އަލުން އެމްޑީޕީ އާ ގުޅެނީ ރިޝްވަތުދީގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްސް އަށް ދިޔަ މެމްބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ބައެއް އެހެން ފަރާތްތައް އަލުން އެމްޑީޕީއާއި ގުޅިފައިވަނީ ފައިސާގެ ނުފޫޒާއި ރިޝްވަތު ދީގެންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ހައްދުން މައްޗަށާއި ކޮޅުމަޑުލަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމުގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއްވެސް މެމްބަރަކަށް ފައިސާގެ މުއާމަލާތެއް ހިންގައިގެން ރިޝްވަތު ދީގެން އަލުން އެމްޑީޕީއަށް ގެނެސްފައި ނުވާނެ ކަމަށެވެ.
ފޮނަދޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ބައެއް މެމްބަރުން ވާހަކަތައް ދައްކަމުން ދާކަމަށާއި އެހެންނަމަވެސް ފައިނަލް ކުރެވޭ ހިސާބަށް ދިއުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ޑިމޮކްރެޓްސް ދޫކުރައްވައި ޔާސިރާއި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ބޭފުޅުންގެ ދާއިރާ އަށް ތަރައްގީ ގެނެވެން އޮތީ އެ ގޮތް ހިޔާރު ކުރައްވައިގެން ކަަމަށް ވާތީ ކަމަށާއި ޚުދު އެ ދެބޭފުޅުން ވެސް އެކަން ހާމަކުރައްވާފައިވާ ކަމަށެވެ.
އެމްޑީޕީ ދޫކުރެއްވި މެމްބަރުންތަކެއް އަލުން އެ ޕާޓީ އަށް ސޮއިކުރެއްވުމާ ދިމާކޮށް، މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އެކަމަކު ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ފުލުހުން ވަނީ މަޖިލީހަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!