" ދެން ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެމެން ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވައްދަން ނޫޅެއްޗޭ! އެވިސްނުން ވިސްނާހެން އަހަންނަށް އެބަ ހީވޭ! ވަރަށް ސާފުކޮށް މި ބުނަނީ... ތިއީ ބޭކާރު ޚިޔާލެއް! އަހަރެން ބޭނުންވަނީ ޔަޝްމީ! ހަމައެކަނި ޔަޝްމީ! އަހަންނަށް އެވަރުން ހުރިހާ އުފަލެއް ލިބުނީ ކަމުގައި ބަލާ! ދެން އަހަރެންގާތު ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ނުކުރައްޗޭ!"
ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ޔަޝްމީގެ އަތުގައި ފިރުމާލިއެވެ. ދެރަވެފައި އޮތް ޔަޝްމީ ގަދަކަމުން ހިނިތުންވެލީ ހާރޫންގެ މޫނަށް ބަލައިލަމުންނެވެ.
" އަހަރެން ބޭނުންވަނީ އަވަހަށް މާލެދާން"
ހާރޫންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެލުމަށްފަހު ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. ޔަޝްމީގެ ވިސްނުން ހުރި ގޮތުން ހާރޫން ބޭނުންވީ އަވަހަށް އޭނާ ހަމައަކަށް އަޅުވާށެވެ. އެހެންކަމުން އޭނާ ހަމަޖެހޭގޮތް ދައްކާލަމުން ޔަޝްމީގެ ބޮލުގައި ފިރުމަން ފެށިއެވެ.
" ހަފުތާއެއްފަހުން ޗެކްއަޕް ހަދާފަ މާލެ ދާންވީ! މާލެއަކަށް ނޫން ދާނީ... މާފުއްޓަށް ޗުއްޓީއެއް ހަދާލަން ދާނީ! ޔަޝްމީ ބުނީމެއްނު މިހާރު ރާއްޖެތެރޭގެ ރަށަކަށް ދާހިތްވާ ވާހަކަ"
ހާރޫން ހެވިފައި އިނދެ އަވަސް އަވަހަށް ވާހަކަ ދައްކަމުން ދިޔައެވެ. އެއާއިއެކު ޔަޝްމީ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ޔަޝްމީގެ އެ ހަރަކާތުން ހާރޫންގެ ހިތަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން އޭނާ ޔަޝްމީގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" ބުނެބަލަ! ދާނަންދޯ؟"
ދެލޯމަރާލައިގެން އޮވެ ޔަޝްމީ ބޯ ޖަހާލުމުން ހާރޫން މައިތިރިވިއެވެ.
" ދެން އަރާމުކޮށްލާ! ޔަޝްމީ ކާންޖެހޭ އެއްޗެހި ހޮސްޕިޓަލުން ގެނެސްދޭނެ ވާހަކަ ބުނި.. ހަފްތާއެއްވަރު ފަހުން އޯކޭ ވާނެޔޯ ކޮންމެ އެއްޗެއް ކެޔަސް"
ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީ ހާރޫންގެ މޫނަށް ބަލައިލީ ނުހަނު އަވަހަށެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
" ހާރޫން ކައިގެންތަ ތިހުރީ؟ ތެދަށް ބުނެބަލަ! "
ޔަޝްމީ އެހެން ބުނެލުމާއެކު ހާރޫން ފެންކަޅިވިއެވެ. އެމަންޒަރު ފެނި ޔަޝްމީގެ ތުންފަތް ތުރުތުރު އަޅައިގަނެގެން ދިޔައެވެ. އާދޭހުގެ ނަޒަރަކުން ޔަޝްމީ ހާރޫންއަށް ބަލަހައްޓައިގެން އޮތީ އަރުތެރެ ބެދި، އަޑު ނިކުންނަގޮތް ނުވުމުންނެވެ.
" އަހަރެން ކިހިނެއް މީރުކޮށް ކާނީ؟ ޔަޝްމީ އެހާ ވޭނުގައި އޮއްވާ އަހަރެންގެ އަރުން އެއްޗެއް ދިރޭނެތަ؟ "
އިށީނދެ އިން ގޮނޑި އެނދާއި ކައިރިއަށް ޖައްސާލުމަށްފަހު ހާރޫން ޔަޝްމީގެ ކޮނޑުމަތީގައި ބޯ ބާއްވާލިއެވެ. އެއާއިއެކު ޔަޝްމީ އޭނާގެ އަތުން ހާރޫންގެ މޫނުގައި ބޮލުގައި އަތްޖައްސާލީ ދެލޯ މަރާލަމުންނެވެ.
" ނުކަން.. ނުވެސް ނިދަން... ހޮސްޕިޓަލުން ބޭރަކަށްވެސް ނުދަން! އަހަންނަށް ހަމަޖެހުމެއް މި ލިބުނީ ޔަޝްމީ ފެނުނީމަ.. އަހަންނާ އަނގައިން ބުނެލީމަ..."
ހާރޫން ކުޑަކޮށް ނޭފަތް ދަމާލަމުން ޔަޝްމީގެ މޭގައި މޫނު ޖައްސާލިއެވެ.
" ދޭ! ކޮންމެވެސް އެއްޗެއް ހިފައިގެން އާދޭ! ޕްލީޒް"
ޔަޝްމީ އެހާވަރަށް އާދޭސް ކުރަން ފެށުމުން ހާރޫން ތެދުވިއެވެ. އަދި އަތުން ފެލޯ ފުހެލުމަށްފަހު އޭނާ ނިކުމެގެން ދިޔައީ ކެންޓީނަށެވެ. އެހާ ގިނައިރު ވަންދެން ނުކައި ހުރުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެ، ވަރުބަލިވެފައެވެ. އެންމެ އަވަހަށް ލިބޭނެ އެއްޗަކަށް ހުރީ ފްރައިޑްރައިސް ކަމަށް ބުނުމުން އޭނާ ބަތަށް އޯޑަރ ދިނުމަށްފަހު އިންތިޒާރުގައި މަޑުކޮށްލިއެވެ. އޭރުވެސް އޭނާގެ ދެލޮލުގައިވާ ކަރުނައިގެ ތެތްކަމެއް ނުކެނޑެއެވެ.
ހާރޫންއާމެދު ފިކުރު ކުރަން އޮތް ޔަޝްމީއަށް ދޮރާއި ދިމާލަށް ބަލައިލެވުނީ އެތެރެއަށް ވަދެގެން އައި ހާރޫންގެ އަޑަށެވެ.
" ބަތެއް ލިބުނީ.."
ހާރޫން އެހެން ބުނުމަށްފަހު ދުރުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
" އާދޭ މިތަނަށް! އަހަރެން ގާތަށް އާދޭ!"
އަސަރާއެކު ޔަޝްމީ އެހެން ބުނެލުމުން ހާރޫން ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
" ކުޑަކޮށް އެނދު އުސްކޮށްލަދެވޭނެތަ؟ މިހާރަކު ނުރިއްސައޭ! "
ޔަޝްމީގެ ހިތްހަމަޖެހުމަށްޓަކައި ހާރޫން އޭނާ އެދުނު ގޮތަށް ކަންތައް ކޮށްދިނެވެ.
" އަހަރެންގެ އަތުން ކާލަންވީނު! "
ޔަޝްމީގެ ބުރަކަށި ދަށަށް ބާލީސް ލައްވައިދިނުމަށްފަހު ހާރޫން އިށީނުމާއެކު އޭނާ ބުންޏެވެ. އެއާއިއެކު ނުތަނަވަސްވެފައި ހާރޫން ޔަޝްމީއަށް ބަލައިލިއެވެ.
" ޕްލީޒް"
މިފަހަރު ޔަޝްމީ ބުނެލީ، ހާރޫންގެ އަތުގައި ހުރި ބަތްޕާރްސަލަށް އަތް ދިއްކުރަމުންނެވެ. އިންކާރު ކުރުމެއްނެތި ހާރޫން ބޯ ޖަހާލިއެވެ. އޭރު ޔަޝްމީއަށް ކުޑަކޮށް ރޮވިއްޖެއެވެ. ތުރުތުރުއަޅާ އަތަކުން އޭނާ، ބަތް ސަމްސަލެއް ނަގައި ހާރޫންގެ އަނގަޔަށް ލަވައިލަދިނެވެ. ބަހެއް ބުނުމެއް ނެތި ދެމީހުން ތިބީ އިންތިހާއަށް ދެރަވެފައެވެ. އެންމެ ފަހުން ހިތަށް ކެތްނުވެގެން ހާރޫން ޔަޝްމީގެ އަތުގައި ހިފެހެއްޓިއެވެ.
" ތަދުވެއެއްނު! ބޯވެސް އަނބުރައެއްނު! ޔަޝްމީ ޕްލީޒް! ތިހެން ނޫޅޭ! ތިހެން ކަންތައް ކުރީމަ އަހަރެން އިތުރަށް ދެރަވާނީ! މި އުޑުދޮށުގައި ތިއަށްވުރެ ހެޔޮލަފާ އަންހެނަކު ނުހުންނާނެ! އަހަރެން އެކަން ޤަބޫލު ކުރަމޭ!.."
ޔަޝްމީގެ އަތުގައިވާ ތަށި ނެގުމަށްފަހު ހާރޫން ޔަޝްމީގެ ދެލޮލުން ކަރުނަ ފުހެލަދިނެވެ. އަދި މަޑުމަޑުން ޔަޝްމީ އެނދުގައި ބާއްވާލިއެވެ.
***
ޒޫނާ އިނީ އަތިރިމަތީގައި ހުރި ގަހެއް ދޮށުގައެވެ. ކުރިމަތިން ފެންނަން އޮތް މޫދާއި ދިމާލަށް ބަލަހައްޓައިގެން އިނެއް ކަމަކު، އޭނާގެ ހިތް އޮތީ ޖާވިދާއެކުގައެވެ. ޖާވިދާމެދު ފިކުރު ކުރާ ވަރަކަށް އޭނާދެކެ ގަޔާވާ މިންވަރު އިތުރުވާހެން ހީވެއެވެ. މިހާރު ކުރިއަށްވުރެވެސް ޖާވިދް ދެކޭހިތްވާލެއް ބޮޑެވެ. އޮފީހަށް ދަނީ އެހާ ދާހިތުންނެވެ. ޖާވިދްގެ އެއްވެސް އިޝާރާތެއްނުވި ނަމަވެސް، އޭނާއަށް ޖާވިދް ފެނުނަސް މިހާރު ހިތަށް ހަމަޖެހުން ލިބޭ ކަހަލައެވެ.
ދަނޑިކޮޅަކުން ފަސްގަނޑުމަތީގައި ކުރަހާލަ، ކުރަހާލަ އިން ޒޫނާ ސިހުނީ ފަހަތުން މީހަކު ކަރުކެހިލުމުންނެވެ. އެއާއިއެކު ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. އަދި ޖެހެމުންދާ ވަޔާއެކު ހޭވިފައިވާ އިސްތަށިގަނޑުވެސް ރީތިކޮށްލެވުނެވެ.
" ޖާވިދް މިތާ؟ "
ލަދުން ހުރެ ޒޫނާ އެހެން ބުނުމާއެކު ދެޖީބަށް އަތް ޖަހާލަމުން ޖާވިދް ފުން ނޭވާއެއް ދޫކޮށްލިއެވެ.
" ހޫމް.. މިއީ އަހަރެން ހިތްހަމަޖައްސާލަން އަންނަ ތަނެއް! ވަރަށް ގިނައިން އަންނަން! "
" އަޅުގަނޑުވެސް މިތަނަށް އަންނަން ވަރަށް ގިނައިން.. "
ޒޫނާ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އެއާއިއެކު ހައިރާންވެފައި ޖާވިދް ޒޫނާއަށް ބަލައިލިއެވެ.
" އެކަމަކު މިތަނުން ޒޫނާ އަހަންނަށް މި ފެނުނީ އަދި އަލަށް! "
ޒޫނާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވިއެވެ.
" ނޫނޭ! ދެމީހުންނަށް އާދެވޭ ވަގުތު ތަފާތުވީމަ ކަންނޭނގެ މިތަނުން ދިމާ ނުވަނީ! "
އެހެން ބުނެލުމަށްފަހު ޒޫނާ ދެވަނަ ފަހަރަށް ޖާވިދަށް ބަލައިލިއެވެ. އޭރު ޖާވިދް ހުރީ ކުރިމަތީގައި އޮތް ރީތި މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ.
" ކީއްވެގެންތަ އަހަންނާމެދު އެހާ ޚާއްސަ ކަމެއް ބަހައްޓަން ބޭނުންވަނީ؟ މިބުނީ.. އޮފީހުގައިވެސް ބައިވަރު މީހުން ތިއްބާ އަހަންނާ މާ ޚާއްސަ ފްރެންޑްޝިޕެއް ބާއްވަން ބޭނުންވީ ކީއްވެތަ؟ އަސްލު ވަރަށް ސަޕްރައިޒްވި އެގޮތަށް ކަރުދާހެއްގައި ކާޑެއްގެ ސިފައިގައި ދީފަ އޮތީމަ.. ފޯނުން މެސެޖެއް ކޮއްލިނަމަ މާ އަވަހަށް ޖަވާބެއް ދެވުނީސް ކަންނޭނގެ"
ޖާވިދް ޒޫނާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކި އިރު، ޒޫނާއަށްވެސް ހުރެވުނީ ޖާވިދަށް ބަލާށެވެ. ނަމަވެސް އޭރު އޭނާ އިންތިހާއަށް ލަދުގަނެއްޖެއެވެ. އެހެންކަމުން ޖަވާބެއް ދޭން ނުކެރި ހީލަހީލާ އޭނާއަށް އިރުކޮޅަކު ހުރެވުނެވެ.
" ދެން.. ފޭސް ޓު ފޭސްކޮށް އެހެން ބުނަން ނުކެރޭނެއެއްނު.. އެދުވަހު ހަމަ ހިތަށް އެރީ ލިޔެލާނަމޭ.. އެހެންވެގެން އެގޮތަށް ކާޑެއް ހަދާނީ! ދެން ކީކޭ ބުނާނީވެސް.. އަޅުގަނޑަކީ މާ ގިނަ ރައްޓެހިންތަކެއް ތިބޭ މީހެއް ނޫން... އޮފީހުން އަބަދު ފެންނާތީވެ އަޅުގަނޑަށް... ޖާވިދް ކަމުދާން ފެށީ"
ދުލުގައި ދަތް އަޅާލަމުން ޒޫނާ ބުނެލިއެވެ. ކުރިމަތީގައި ހުރެ ޒޫނާ އެފަދައިން ވާހަކަ ދެއްކުމުން ޖާވިދް ޝައުޤުވެރިވިއެވެ. އެހެންކަމުން އޭނާ ލުއި ހިނިތުންވުމަކުން ޒޫނާއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.
" ކަމުދަންޏާ ފްރެންޑްޝިޕް މުޙިއްމުވާނެތާ ދޯ! "
ލާނެތް ގޮތަކަށް ޖާވިދް އެހެން ބުނެލުމާއެކު ޒޫނާ ރަކި ގޮތަކަށް ހީލިއެވެ.
" އަޅުގަނޑާމެދު ގޯސް ގޮތަކަށް ނުވިސްނައްޗޭ! ކޮންމެކޮންމެ މީހަކާ އަޅުގަނޑު މިބީދައިން ވާހަކައެއް ނުދައްކަން"
ޒޫނާ އަވަސް އަވަހަށް ބުނެލުމުން ޖާވިދް ތަންކޮޅެއް ބާރަށް ހީލިއެވެ.
" އޯހް! އެހެންދޯ! ދެން އަޅުގަނޑު ނުކިޔަންވީނު"
ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. ޒޫނާގެ މޫނުމަތީގައި ސުވާލުމާކުތައް ފުނިޖެހިފައިވާތީ ޖާވިދަށް އަނެއްކާވެސް ހެވުނީއެވެ.
" ހާދަ ބޮޑަކަށް އާޝޯހްވީ؟ ރައްޓެހިން ވާހަކައެއް ނުދައްކާނެ އަޅުގަނޑު ކިޔައިގެންނެއް.. "
ޖާވިދް މަޖާ ރާގަކަށް ވާހަކަ ދައްކަން ފެށުމުން ޒޫނާ ޝައުޤުވެރިވިއެވެ.
" ފްރެންޑަކަށްވީމަ އިތުރު ބަދަލެއް އަންނަން ޖެހޭތަ؟"
ޖާވިދް އެހެން ބުނުމުން ޒޫނާއަށް ބާރުބާރަށް ހޭންފެށުނެވެ. އެއާއިއެކު ޖާވިދުވެސް ހީގަތެވެ.
" ގަދަކަމުން އެއްވެސް ބަދަލެއް ގެންނާނެކަމެއް ނެތް... އަމިއްލައަށް ބަދަލެއް އާދޭތޯ އިންތިޒާރުކުރޭ! "
ޒޫނާ ޖާވިދަށް ފުރަގަސް ދެމުން ބުނެލިއެވެ. އެއާއިއެކު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވީ ކީއްވެކަމެއް އެކަކަށްވެސް ނުވިސްނުނެވެ. ދައްކާނެ ވާހަކަ ހުސްވީބާވައެވެ. ނޫނީ އިތުރު ގުޅުމަކަށް ހިނގައިދާނެތީ ޖެހިލުންވީ ބާވައެވެ.
" އަހަރެން ދެން ދަނީ! އިރުއޮއްސޭ ވަގުތު އަތިރިމަތީގައި ތިބުން އެހާ ރަނގަޅެއް ނުވާނެ"
ޒޫނާ އެހެން ބުނުމަށްފަހު ހިނިތުންވެލަމުން ހިނގައިގަތެވެ. އޭނާ ލޮލުކޮޅަށް ގެއްލެންދެން ޖާވިދަށް ހުރެވުނީ ބަލާށެވެ.
" އަހަރެން އޭރުވެސް ބުނީމެއްނު މާލެއިން ކިޔަވައިގެން އައި ޒޫނާއަށް ޖާވިދް ހިތް ކިޔާނެޔޭ! އެންމެފަހުން އެކަންވެސް މިވީ ޙަޤީޤަތަކަށްދޯ! "
މާ ދުރުން އިވުނު ޝަހާނާގެ އަޑަށް ޖާވިދަށް ސިހިފައި ބަލައިލެވުނެވެ. އޭރު ގަހެއްގެ ނިވަލުގައި ހުރެ، އޭނާ ބަލައިލަނީއެވެ.
" އަހަންނަށް ފާރަލަނީތަ؟ "
ޖާވިދް އެހެން ބުނުމާއެކު ޝަހާނާ ދެފަރާތަށް ބޯ ހޫރާލަމުން ޖާވިދާއިދިމާލަށް ހިނގައިގަތެވެ.
" ނޫން! ފާރައެއް ނުލަން.. އަހަރެން ދުށިން ގަސްބޯމަގުން ޒޫނާ ނިކުމެގެން ދާތަން! މިތަނަށް މިއައީ ޑަސްބިން އެއްލާލަންވެގެން.. މިތަނުން ޖާވިދް ފެނުނީމަ، އަހަރެންގެ ވިސްނުމަށް ފުރަތަމަވެސް އައި ޖުމްލަ މި ބުނެލީ"
އެއްވެސް ރައްދެއް ނުދީ ޖާވިދް ހުރީއެވެ. އެކަމާ ބެހޭގޮތުން ޝަހާނާއާ ދައްކަންޖެހޭ ވާހަކައެއް އޮތްކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.
" އަހަރެން އަދިވެސް ޖާވިދްދެކެ ލޯބިވޭ! "
ޝަހާނާގެ ޖުމްލައިން ޖާވިދަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ.
" އެންމެ ކުޑައިރުއްސުރެ އަހަރެން ލޯބިވި މީހަކީ ތިއީ! އެކަމަކު... އެލޯބީގައި ކޮޅުފައިން ޖަހާ، އެހެން މީހެއްގެ ފަހަތުން ދުވި ފަހުން އަހަރެން ޝަހާދެކެ ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނުވެ! ހިތަށް އެރި... ހިތަށް އެރި ޝަހާއަށްޓަކައި އަހަރެންގެ ހިތުގައި ޖަހަމުންދިޔަ ވިންދު އެހެންމީހަކަށްޓަކައި ޖަހާނެ ބާވައޭ! ހިތަށް އެރި.. ޝަހާދެކެވީ ލޯބި އެހެން މީހެއްދެކެ ވެވިދާނެ ބާވައޭ! އެކަމަކު... އެއީ މުޅިން ބޭކާރު ވިސްނުންތަކެއް.. އަހަންނަށް ވަފާތެރި ނުވެވުނު މީހަކަށްޓަކައި އަަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލުމެއްނެތް! "
ބާރުބާރަށް އެހެން ބުނުމަށްފަހު ޖާވިދު ދުރަށް ހިނގައިގަތެވެ. ރައްދުގައި ބުނާނެ އެއްޗެއް ނެތުމުން ޝަހާނާއަށްވެސް ޖާވިދަށް ފުރަގަސްދެވި، އައިކޮޅަށް ހިނގައިގަނެވުނެވެ.
***
ބޭސްފަރުވާގެ ކަންތައްތައް ނިންމާލުމަށްފަހު ހާރޫން، ޔަޝްމީ ގޮވައިގެން އެނބުރި މާލެ އައެވެ. އޭރުވެސް ޔަޝްމީ މުޅިއަކުން ރަނގަޅެއް ނޫނެވެ. ފެންނަ ފެނުމަށް އޭނާ ހީވަނީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ. އޭނާގެ މޫނުމަތީގައި ތާއަބަދުވާ އުޖާލާކަމާއި ރީތި ހިނިތުންވުން ގެއްލިފައިވީތާ އެތައް ދުވަހެކެވެ. އެ ހުރިހާ ކަމަކަށް ހާރޫންއައީ ވަރަށް ބޮޑަށް ސަމާލުވަމުންނެވެ.
" ދެން އަހަރެން ދާހިތެއް ނުވެ! "
މާފުއްޓަށް ދިޔުމަށްޓަކައި، ހާރޫން ފޮށި ތައްޔާރު ކުރުމާއެކު ޔަޝްމީ އިންކާރު ކުރިއެވެ. ނަމަވެސް ހާރޫން ދުލެއް ނުދިނެވެ.
" އެނގޭތަ؟ ސްޓްރެސްވުމަކީ ތިމާއަށް ކުރިމަތިކުރުވާ ބަލިމަޑުކަމަށްވުރެ ބޮޑު ބައްޔެއް! ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި އުފާކުރުމަކީ ވަރަށް މުޙިއްމުކަމެއް.. އަސްލު މަގޭ ލޯބިލޯބި އަނބިމީހާއަށް މިހާރު އެންމެ މުހިއްމުވާނީ ޗުއްޓީއެއް"
ހާރޫން ފޮށީގެ ޒިބު ދަމާލިއެވެ. އޭރުވެސް ޔަޝްމީ އިނީ ތުން ދަމައިގެންނެވެ.
***
މާފުށީގައި ގެސްޓްހައުސްތައް ހުންނަ ސަރަހައްދު ފަހަނައަޅައި ދިޔައިރުގައިވެސް ބަގީ ނުހުއްޓައެވެ. އެހެންކަމުން ހައިރާންވެފައި ޔަޝްމީ ހާރޫންގެ މޫނަށް ބަލައިލުމާއެކު ހާރޫން އިނީ ހިނިތުންވާން ތައްޔާރަށެވެ.ޔަޝްމީގެ އެފަދަ އިޝާރާތެއްގެ އިންތިޒާރުގައި ހާރޫން އިން ކަހަލައެވެ.
" މިދަނީ.. މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް ވަކިން ހުންނަ ގެއަކަށް! އެގޭގައި އުޅޭނީ އަހަރެމެން ދެމީހުން އެކަނި! އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާނެ.."
ހާރޫން އުފާވެރި ރާގަކަށް އެހެން ބުނުމާއެކު، ލޮލުތެރޭގައި ކަޅި ހިންގާލަމުން ޔަޝްމީ އެނބުރިލީ އަނެއް ފަރާތަށެވެ. އޭރު ހާރޫން އެބުނާ ގެއާ ހަމައަށް އާދެވިއްޖެއެވެ. ތެދެކެވެ. އެއީ ވަރަށް ރީތި ކުޑަކުޑަ ގެއެކެވެ. ގޭގެ ވަށައިގެން ތިންފޫޓު ފާރުބުރިއެއް ރާނާފައި ހުރި އިރު ބޯގަންވިލާ ގަސްތަކުން އެގޭގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ގޭގެ ފުޅަށް ތެރެއަށް ވަދެގެން ދިޔައިރުގައިވެސް މުޅި ގޯތި ތެރޭގައި އެކި ޒާތްޒާތުގެ މާގަސްތައް ހައްދާފައިވެއެވެ. ފެންނަ ފެނުމަށް ވަރަށް ފަރުވާތެރިކަމާއެކު ގަސްތައް ހައްދައި، ބަލަހައްޓައެވެ.
" ކޮބާ؟ މިހާރުވެސް އަހަރެންގެ ޔަޝްމީގެ މޫނުމަތި އުޖާލާވެއްޖެހެން ހީވޭ! "
ފޮށިތައް ބަހައްޓާފައި ބަގީ ނައްޓާލުމާއެކު ހާރޫން އައިސް ބުނެލިއެވެ. ނަމަވެސް ހާރޫންގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ޔަޝްމީގޮސް އިށީނީ ގޭ ދޮރުމަތީގައި ހުރި ބޮޑު އުނދޯލީގައެވެ. އެއާއިއެކު ޔަޝްމީއާ ޖެހި ފިތިގެން ހާރޫންވެސް އެ އުނދޯލީގައި އިށީނެވެ.
" ގޭ ތަޅުދަނޑި ހިފައިގެން މީހަކު އަންނާނެޔޭ ބުނި! އޭނަ އަންނަންދެން އަހަރެމެން މަޑުކޮށްލާނީދޯ! "
ހާރޫން އެހެން ބުނުމުން ޔަޝްމީއަށް އަނެއްކާވެސް އެ ރީތި ގޯތިތެރެއަށް ނަޒަރު ހިންގާލެވުނެވެ.
" ކިތަންމެ އިރަކުވެސް މިތާ އިނދެ ދާނަން"
ޔަޝްމީ ބުންޏެވެ. އޭރު އެތެރެއަށް ވަދެގެން އަންނަ އަންހެނަކު ފެނި، ހާރޫން އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.
" ތަޅުދަނޑި ހިފައިގެންދޯ! "
ހިނިތުންވަމުން ހާރޫން ބުންޏެވެ. ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ. އައިގޮތަށް އައިސް ދޮރަށް ތަޅުދަނޑި ޖަހާފައި އެނބުރިލިއެވެ.
" ތިއީ؟ މިގޭ ކުއްޖެއްތަ؟ "
ހާރޫން އަހާލިއެވެ. ނަމަވެސް އޭނާ އެދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު އެއްޗެއް ނުބުނެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެއަންހެންކުއްޖާއަކީ ފެންނަ ފެނުމަށް ތިރީހުގެ އަހަރުތައް ގުނަމުންދާ ކުއްޖެކެވެ. ބުރުގާ އަޅައި، ގަޔަށް ދޫ އަބާޔާ ލައިފައި ހުރުމުން އޭނާގެ ރީތިކަމަށް ހިތާހިތުން ޔަޝްމީއަށްވެސް ތަޢުރީފް ކުރެވުނެވެ. އެއާއިއެކު އަނެއްކާވެސް އިވުނީ ހާރޫންގެ އަޑެވެ.
" ވެދާނެ ވެރިމީހާގެ އަނބިމީހާކަމަށްވެސް ދޯ! އަހަންނާ ވާހަކަ ދެއްކީ ގައިމު ފިރެހެން! ބުނި ތަޅުދަނޑި އެބަ ފޮނުވަމޯ!"
ހާރޫން ދެފޮށި ދެއަތުން ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
" ދެން.. އެއީ ކޮންމެ މީހަކަށްވިޔަސް އޯކޭތާ. ތަޅުދަނޑި ލިބިއްޖެއެއްނު!"
ޔަޝްމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ހާރޫން ޖެހިލުންވެ ޔަޝްމީގެ މޫނަށް ބަލައިލިއެވެ.
" ރުޅި އައީތަ؟ "
" އާނ ދެން! ތިއީ މާ ވާހަކަ ގިނަ މީހެއްވެސް ނޫނެއްނު.. އޭނަ އަނގައިން ނުބުނީމަވެސް ހަމަ ވާހަކަ ދައްކަނީ.."
ޔަޝްމީ އެހެން ބުނުމުން ހާރޫންއަށް ހެވުނެވެ. އަދި ސިޓިންގރޫމް ފަންކާ ޖަހާލުމަށްފަހު ސޯފާގައި އީށީނދެލަމުން އެތަނަށް އައުމަށް ޔަޝްމީއަށް އިޝާރާތް ކުރިއެވެ.
" ދެން އެގޮތަށް އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހޭނެއެއްނު.. އޭނަ އެއައީ އަހަރެމެންގެ ޚިދުމަތުގައި.. ދެން އަނގައިން ނުބުނީމަ އޭނަވެސް ބުނާނެދޯ އަހަރެމެން ހާދަ ފޮންޏޭ! އަސްލު ބުނެބަލަ އަސަރު ކުރީތަ އަހަރެން އެހެން މީހަކާ އަނގައިން ބުނީމ،ަ"
ހާރޫން ލާނެތް ގޮތަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ތެދުވެގެން ޔަޝްމީއާ ދިމާލަށް ދިޔައެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!