ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހު، ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވީ ޖޭޕީގެ މެމްބަރުކަމުންނާއި ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުއެވެ.

Ad
rt

މަގާމުން އިސްތިއުފާ ދެއްވައި ޝާހު ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީގެ ސިޔާސީ ވިސްނުމާއި ހިޔާލު މިހާރުތަފާތުވެފައިވާ ކަމަށެވެ.

"މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ ފަސް އަހަރު، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމަށް އަޅުގަނޑު ކުރި މަސައްކަތުގައި އަޅުގަނޑުގެ ފަންނީ ލަފައާއި އިރުޝާދުގެ ދަށުން ދިވެހިރައްޔިތުންނަށް މަންފާކުރަނިވި ސިޔާސަތުތައް ކުރިއެރުވުމަށް އެކަށީގެންވާ ފުރުސަތު ހެލްތު މިނިސްޓްރީ ލިބިފައި ނުވޭ." ޝާހުގެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ތެރެއިން ސިއްހީ ދާއިރާ އާއި ގުޅުންހުރި ސިޔާސަތުތަކާއި ކަންކަން އިންތިޒާމުވެ ހިނގަމުންދާގޮތުން އެފަދަ ފުރުސަތުތައް ލިބިފައި ނުވާކަން ވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކޮށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރެވިދާނެ އެތައްކަމެއް މީގެ ކުރުން ވެސް ސީދާ ރައީސް އާއި ބައްދަލުކޮށް ވާހަކަދައްކާފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކަށް ކުރިމަގެއް މިހައިތަނަށް ފެނިފައި ނުވާކަން ވެސް ހިތާމައާ އެކު ފާހަގަ ކުރައްވާ ކަމަށް އިސްތިއުފާގެ ސިޓީގައި ޑރ. ޝާހު ލިޔުއްވާފައި ވެއެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވީ އޭނާގެ ސިޔާސީ ފިކުރާއި އެއްގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކުރެވޭނީ އެހެން ސިޔާސީ މަގެއް އިހްތިޔާރުކޮށްގެން ކަމަށާއި މި ސަރުކާރުގައި ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް ރައީސް ސާލިހަށް ވަނީ ޝުކުރު ދަންނަވާފައެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވީ ކީއްވެގެން ކަމެއް އޭނާ އަދިހާމައެއް ނުކުރައްވައެވެ.