މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.
އެކަން ހާމަކުރައްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފައި ވަނީ އެ ކޯޓުތަކުގެ ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ.
މިގޮތުން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ޑީޖޭއޭއިން ވަނީ ވިދާޅުވެފައެވެ.
މި ބަދަލު ގެންނަވަން ނިންމަވާފައި ވަނީ މި ހިނގާ އޯގަސްޓް މަހުން ފެށިގެން ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ހާމަކުރައްވާފަވެއެވެ.
މިއީ، 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ދެވޭ މުސާރަޔަށް ކުރިއެރުން ގެނެވުނު ފުރަތަމަ ފަހަރު ކަމަށް ޑީޖޭއޭ އިން ވިދާޅުވެއެވެ.
މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 33 އިންސައްތަ ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުގެ ތެރެއިން އެންމެ 11 ކޯޓަކަށް ކަމަށް ޑީޖޭއޭ އިން ވިދާޅުވެފައިވާއިރު، މިބަދަލާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ 800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ޑީޖޭއޭ އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!