އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ މީހުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ. އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް ރިޓަޔާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ޕެންޝަން ލިބެނީ 65 އަހަރުވުމުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ މިހާރު އޮންނަ ގޮތުން އެމީހެއްގެ ޕެންޝަން އެކައުންޓްގައި 10،000ރ. ޖަމާވެފައި ނެތިއްޔާ އެ އުމުރުގައި ރިޓަޔާކޮށްގެން އެއްޗެއް ނުލިބޭނެ ކަމަށެވެ.

އޯގާތެރި ވެރިކަމެއް ގެންނަން ޕީޕީއެމް/ޕީއެންސީން އަމާޒު ހިފާފައިވާ އިރު، 55 އަހަރާއި 65 އަހަރާ ދޭތެރޭގެ މީހުން ރިޓަޔާ ކުރީމަ، އެލަވަންސެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި އެހެންކަމުން އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލައްވާނެ ކަމަށް ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަ ކުރުމަކީ މުއިއްޒުގެ ވައުދެކެވެ. މުއިއްޒު ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަމުގެ ބާރުވެރިކަން އެ ކޮމިޝަނުން ނަގައި ހާއްސަ ޑިޕާޓްމެންޓަކާ ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ނިންމާފައިވާ ކަން މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ.