ތ. ކަނިމީދޫ، ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލަސްތަކެއް ނުވެ ބިޑަށް ހުޅުވާލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ތިމަރަފުށިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުން ކަމަށެވެ.

ދެވަނަ ދައުރުގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވާ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމާއި ގުޅުން ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އެގޮތުން ތ. އަތޮޅަކީ މަދު ރިސޯޓްތަކެއް އޮތް އަތޮޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އަޅުއްވާނެ ކަމަށެވެ. އަދި އެއާޕޯޓް އެންމެ ރަނގަޅަށް ހިންގޭނީ ވެސް ޓޫރިޒަމް ފައްކާކުރެވިގެންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ތިމަރަފުއްޓަށް ކޮށްދެއްވާނެ އެހެނިހެން ކަންތައްތައް ހިއްސާ ކުރައްވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަނީ މަސްވެރިން އެދޭގޮތަށް ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް ފަސޭހައިން މަސްކިރޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތެލާއި އައިސް ލިބޭނެ ގޮތް ހައްދަވާދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ބަނދަރު ބޮޑުކޮށްދީ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.