މިއަހަރުގެ ސެދޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަކުރައްވާ ކެންޑިޑޭޓް، ގާސިމް އިބްރާހިމް، ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ އއ. ދިއްދޫ އަށްް ވަޑައިގެންފިއެވެ.

އެރަށަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެމަނިކުފާނުގެ މަންމާފުޅު ފަސްތާނުލެވިފައިވާ ތަނަށެވެ. މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ މަންމާފުޅަށް ހެޔޮ ދުއާކުރެއްވިއެވެ.

Ad
rt

އެއަށްފަހު، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަ ދައްކަވަމުން ވިދާޅުވީ އުފަންވި ރަށަށް އަދި މަންމާފުޅުގެ ރަށަށް އާދެވުމުން އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. އަދި އެމަނިކުފާނު އުފަންވެ މަންމާފުޅު ނިޔާވުމާއި ހަމައަށް ދިއްދޫގައި ދިރިއުޅުއްވި ކަމަށާއި މަންމާފުޅު ނިޔާވުމުން މާމާފުޅު އައިސް އެމަނިކުފާނު މާމިގިއްޔަށް ގެންދެވީ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުޑައިރުގެ އެދުވަސްވަރުގެ ވާހަކަތައް އެމަނިކުފާނުގެ މާމާފުޅުގެ ފަރާތުންނާއި އެހެންގާތްތިމާގެ ބޭފުޅުންގެ ފަރާތުން އަޑުއިވިލެއްވުމުން އެދަތި ނިކަމެތި ދިރިއުޅުއްވުމުގެ އަސަރާއިއެކު އެމަނިކުފާނަށް ވަރަށް ފުންއަސަރުތަކަކާއި އިހުސާސްތަކެއް ކުރުވާ ކަމަށެވެ.

މީގެ އިތުރުން މިނިވަންކަމާއި ގައުމުގެ އިސްތިގްލާލް ހިމާޔަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އިންޑިއާ އާއި ގާތްގުޅުން ކެނޑިގެން ދާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ އަޅުވެތިކަމަށް ދިއުމަކީ އެއަށްވުރެ ނުރައްކާތެރި ނިކަމެތި ހާލަތެއްކަމަށްވުމާއެކު އެހާލަތަށް ގައުމު ގެންދިޔައީ ގައުމުގެ ވެރިންގެ ޣައްދާރުވުމާއެކު ކަމަށެވެ.

މިހާލަތުން އަރައިގަތުމުން ހުރިހައި ރައްޔިތުން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ބޭރުގެ ނުފޫޒުން ސަލާމަތްވުމަށް މަސައްކަތް ކުރުމަކީ އަބަދު ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު އެއީ ގައުމުގެ ކޮންމެ ދަރިއެއްގެ ވެސް ޒިންމާއެއް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.