އީޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހު ކުރުމަށް މޯލްޑިވްސް މަނީޓަރީ އޮތޯރިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފުލާގައި ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެބަދަލުގެ ސަބަބުން ގައުމަށްކުރާނެ ފައިދާތަކާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުންތިބިކަން ފާހަގަކުރައްވާ، އެފަރާތްތަކުން އިގުތިސާދީ ބަދަލުގެނެސް އިގުތިސާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފުޅާކުރުމަށް، ރާއްޖޭގެ އިގުތިސާދު އިތުރަށް ހަރުދަނާކުރުމަށް ވެސް ބާރުއެޅުއްވިއެވެ.
ނައިބު ވިދާޅުވީ ގައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެން ކަމަށާއި ގައުމެއް ތަރައްޤީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އީޖާދީ ވިސްނުންގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ހަމަ އެއާއެކު ޤައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުންބަހައްޓައި ގައުމު ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
"ފަވަރާ" މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުވެ، އެ ޚިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެއެވެ. މި ސިސްޓަމްގެ ފްލެކްސިބަލް ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ފައިސާ ދެއްކުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސް ކުރުމަށް ފަސޭހަވެގެންދެއެވެ.
ހަމަ އެއާއެކު ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެއެވެ. މި ސިސްޓަމް ޤާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ޚިދުމަތްތަކަށް މަގުފަހިކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!