ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން ކަމަށާއި ވާންޖެހޭނީ ފަސް އަހަރުގެ ދައުރެއްގައި ކުރެވޭ ވަރުގެ ވައުދުތައް ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
'ތިލަދުން' އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ ފަސް އަހަރުން ނުނިމޭވަރުގެ ކަމެއް ވިއްޔާ ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި ބަހާއި ޢަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ. އަދި އެހެންނޫނީ ރައްޔިތުންނާ ހަމައަށް އަންނާނެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކެމްޕެއިން ތެރޭގައާއި މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަންކަަމަކީ މަޝްވަރާކުރެވި، ޓެކްނިކަލް ބެކްގްރައުންޑު ވެސް އޭގެތެރޭގައި ހިމެނިގެން ތައްޔާރުކުރެވިފައި ހުރި ސިޔާސަތުތައް ކަމަށެވެ.
މިހައިތަނަށް ހާމަކުރައްވާފައިވާ ވައުތުތަކަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ ތަރައްގީ ވިޔަސް އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ކުރަން ރާވާފައިވާ ކަންކަމަށް ވިޔަސް އަދި އެހެން މަޝްރޫއުތައް ކަމަށް ވިޔަސް ވާންވާނީ ފަސް އަހަރަށް ވާވަރަށް ކަމަށެވެ. އެހެންކަމުން މިހައިތަނަށް ހާމަކުރައްވާފައިވާ ވައުދުތަކަކީ އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަންތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ފަސް އަހަރުން ނުނިންމޭ ވަރުގެ ނުވަތަ އެއަށްވުރެ މައްޗަށް ވައުދު ވުމަކީ ކަމުދާ ކަމަކަށް ނުވާނެ ކަމަށެވެ.
ރާއްޖޭ ވެރިކަމަށް ކުރިމަތިލެއްވި ސަބަބު ބަޔާންކޮށްދެއްވަމުން މޭޔަރު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލީ ގައުމުގެ ކަންތައްތައް ހަމަމަގަށް އެޅުވުމަށާއި ގައުމު ތަރައްގީ ކުރުމަށާއި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ޔަގީން ކުރުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގެ ކަންތައްތައް މިހާރު މިއޮތީ ބޮއްސުންލާފައި ކަމަށާއި އިގްތިސާދު އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އަދި ތަރައްގީ ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެންދިޔަ ފަދައިން ގައުމުގެ ތަރައްގީ އަށް ރައްޔިތުން ބޭނުންވެފައިވާތަން މިގާރު ވެސް ފެންނަކަމަށާއި ގައުމުގެ މިނިވަންކަން ޔަގީންކުރަން ބޭނުންވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ޔަގީންވާން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ވިދާޅުވީ އޭނާ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުން ބޭނުންވާ އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!