ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އަލްމޭރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލްމޭރިއާއިންނެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ އަރިބަސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ ލޫކަސް ރޮބާޓޯން ރެއާލުގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނަމަވެސް ރެއާލުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ބެލިންހަމްއެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޓޯނީ ކްރޫސް އަލްމޭރިއާގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލިންހަމް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ރެއާލަށް ލީޑު ހޯދައިދީފައެވެ. ހޫނު މޫސުމުގެ ޓްރާންސްފާގައި ބްރޫޝިއާ ޑޯޓްމަންޑުން ރެއާލާއި ގުޅުނު އިންގްލެންޑްގެ ބެލިންހަމް މިވަނީ ލީގުގައި ރެއާލަށް ކުޅެދިން ދެ މެޗުގައި ތިން ލަނޑު ޖަހާފައެވެ.

ރެއާލުން މެޗުގައި ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައި ވިނީސިއަސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބެލިންހަމްއާއި ވިނީސިއަސް ގުޅިގެން އުފެއްދި މި ހަމަލާގައި، ވިނީސިއަސް ވަނީ ބޯޅަ ހިފައިގެން އަލްމޭރިއާގެ އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ބޯޅަ ޗިޕް ކޮށްލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލުގެ ކޯޗް އަންޗެލޯޓީ ބުނީ ސްޕެނިޝް ލީގަށާއި ރެއާލްގެ ސްޓައިލަށް އޭނާ /ބެލިންހަމް، ވަރަށް ރަނގަޅަށް ހޭނެމުން އަންނަ ކަމަށާއި އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ބެލިންހަމްއެވެ.

ރެއާލުން ލީގުގައި ކުޅުނު ދެ މެޗު ވެސް މި ވަނީ ކާމިޔާބު ކޮށްފައެވެ. ރެއާލުން ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެތުލެޓިކް ބިލްބާއޯއާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ރެއާލުން ވަނީ ކާމިޔާބު ކޮށްފައެވެ.