ސްޕެއިންގެ ސެވިއްޔާ ބަލިކޮށް މެންޗެސްޓާ ސިޓީން ޔުއެފާ ސްޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.
ޔުއެފާ ސްޕަ ކަޕަކީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި އެންމެ ފަހުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ.
ރޭ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ސިޓީން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި އަކޫނާ ސިޓީގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އެން ނެސޭރީއެވެ.
ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ރޮޑްރީ ސެވިއްޔާގެ ގޯލު ކުރިމައްޗަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލް ޕާލްމާއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައެވެ. ސިޓީގެ ޕެނަލްޓީތައް ޖެހީ ހާލަންޑް، އަލްވަރޭޒް، ކޮވެސިޗް، ގްރީލިޗްގެ އިތުރުން ވޯލްކާއެވެ.
ސެވިއްޔާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ސެވިއްޔާއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އޮކަމްޕޮސް، ރަފާ މިރް، ރަކިޓިޗްގެ އިތުރުން މޮންޓިއެލް އެވެ. ސެވިއްޔާއިން ޕެނަލްޓީ މިސް ކޮށްލީ ގުޑެލީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިއީ މި ސީޒަންގައި ސިޓީން ޕެނަލްޓީ ޖެހި ދެވަނަ މެޗެވެ. ކޮމިއުނިޓީ ޝީލްޑް މެޗުގައި ސިޓީން ވަނީ އާސެނަލްއާއި އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!