" ދުވަހަކުވެސް އެކަމެއް ދެން ނުވާނެ! އެކަމަކު އަހަރެންގެ ދަރިޔަކަށް އަހަރެންގެ ލޯބި ލިބޭނެ..."
ދޮރުމަތީގައި ހުރި ޖާވިދް ބާރުބާރަށް ބުނެލިއެވެ. އެއާއިއެކު އާބިދާ ކޮންމެވެސް ވަރަަކަށް ޖެހިލުންވިއެވެ.
" އަސްލު މަޢާފް ދެވޭ ވަރަށްވުރެ ނުބައި ކަމެއް އޭނާ އެކުރީ..އަހަރެމެންވެސް އާބާދު މި ދައްކަނީ އެވާހަކަ.. "
އާބިދާ ޖާވިދަށް ބާރު ދިނުމުގެ ގޮތުން ބުންޏެވެ. ނަމަވެސް ޖާވިދު އިތުރަށް އެއްޗެެއް ނުބުނެ އެނބުރި ދާން ހިނގައިގަތެވެ.
" ދަރިފުޅު އެއްޗެއް ކާން އާދެބަލަ."
ޖާވިދް ބޭރަށް ނިކުތުމުން ފާއިޒާ ބާރުބާރަށް ގޮވިއެވެ. ނަމަވެސް ފަސްއެނބުރި ބެލުމެއްނެތި ޖާވިދް ދިޔަގޮތަށް ދިޔައީއެވެ. ދެރަވެލާފައި ފައިޒާއަށް ބަލައިލެވުނީ އާބިދާގެ މޫނަށެވެ.
***
އެނދުމަތީގައި އިށީނދެލައިގެން ޔަޝްމީ އިނީ ހާރޫންގެ އިންތިޒާރުގައެވެ. ހާރޫން ލަސްވާނެ ވާހަކަ ބުނެފައި އޮތް ހަނދާން ވުމުން، ޖާވިދަށް ގުޅާލަން އޭނާގެ ހިތަށް އެރިއެވެ. ދުރުގައި ޗާޖަށް ޖަހާފައި އޮތް ފޯނު ހިފައިގެން އައިސް އަނެއްކާވެސް ޔަޝްމީ އެނދުމަތީގައި އިށީނެވެ. ޖާވިދަށް ގުޅާލުމަށްފަހު ކަންފަތުގައި ފޯނު ޖަހައިގެން ކެތްމަދުވެފައި އިނީ ޖާވިދް ފޯނު ނަގާނެ ވަގުތަކަށެވެ.
" ދޮންބެ.. ކިހިނެއްތަ؟"
ޔަޝްމީ ސުވާލުކޮށްލީ އާދައިގެ ގޮތަކަށެވެ. އެހިނދު ޖާވިދް ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
" ޝަހާނާ ޕްރެގް ކަން އެނގޭތަ؟"
މާޔޫސްވެފައި ޖާވިދް އެހެން ބުނުމުން ޔަޝްމީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ ހިތަށް އުނދަގޫ ކުރުވީ ޖާވިދަށް ކުރާނެ އަަސަރު އެނގޭތީއެވެ.
" އަޅެ... ދެން ކިހިނެއް ދޮންބެ ހަދަނީ؟ "
އަވަސް އަވަހަށް ޔަޝްމީ އެހިއެވެ.
" އަހަރެން އެ ދަރިފުޅު ވަރަށް ބޭނުން.. އެކަމަކު.. އެ ޝަހާނާއާ ދިމާލަށް ބަލައިލަންވެސް ބޭނުމެއް ނޫން.. އޭނަ މަތިން ހަނދާން ކުރާކަށްވެސް ބޭނުމެއްނޫން.. އޭނަ އަހަންނަށް އޮޅުވާލައިގެން ކުޅުނު ކުޅިވަރުން ދޮންބެ އޭނައަށް ނަފްރަތު ކުރަން.."
ޖާވިދުގެ ހިތަށް އަރާ ފައިބަމުންދާ ވާހަކަތައް ޔަޝްމީއާ ހިއްސާ ކުރިއެވެ.
" އަހަންނަށްވެސް އެނގޭ... އެކަމަކު ދަރިފުޅު މެދުވެރިކޮށްގެން ވެސް އޭނާ އުޅެދާނެ އެއްނު ދޮންބެގެ ލައިފަށް އަންނަން"
ޔަޝްމީ ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ. ނަމަވެސް ޖާވިދް ހުރީ އެކަމަށް މާބޮޑަށް ސަމާލުވެގެންކަން އޭނާގެ ވާހަކައިން ޔަޝްމީއަށް އެނގުނެވެ.
" އެހެންނެއް ނުހެދޭނެ.. އަހަރެން އޭނަދެކެ ވަރަށް ފޫހިވޭ.. ވަރަށް ބޮޑަށް ފޫހިވޭ.."
ޖާވިދް ބާރު ބާރަށް ބުނެލިއެވެ. ޖާވިދްގެ އަޑުގައި ރުޅިވެރިކަމާ އެއްވަރަށް ހިތާމައިގެ އަސަރުތައްވެސް އެކުލެވިފައިވެއެވެ. އޭނާ އިންތިހާއަށް ޝަހާނާދެކެ ލޯބިވިކަން ޔަޝްމީއަށް އެނގެއެވެ. އެހެންކަމުން ކިތަންމެ ރުޅި އައި ނަމަވެސް ޝަހާނާ މަތިން ހަނދާން ނައްތާލަން ޖާވިދަށް އުނދަގޫވާނެވަރުވެސް ޔަޝްމީއަށް އެނގެއެވެ.
" އަހަރެން ވާހަކައެއް ބުނަންތަ؟ ދޮންބެދެން ތިކަމުގައި ވިސްނާވިސްނާ ހަލާކުނުވޭ! އެކަހަލަ އަންހެނެއްގެ ކިބައިން ސަލާމަތްވީތީ ޝުކުރު ކުރަން.. ދެންވެސް އެހެން ދިރިއުޅުމެއް ފެށޭތޯ ކަންނޭނގެ ބަލަންވީ"
ޖެހިލުންވެ ހުރެ ޔަޝްމީ ބުންޏެވެ. އެއާއިއެކު ޖާވިދަށް ދެލޯމަރާލެވުނެވެ. އެހިނދު އޭނާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އިތުރަށް ވާހަކަ ދައްކަން އުނދަގޫ ވުމުގެ ސަބަބުން ޖާވިދް އަވަހަށް ފޯނު ކަނޑާލުމަށްފަހު އަތް ތިރިކޮށްލިއެވެ. އަދި އަވަސް އަވަހަށް މެސެޖެއް ލިޔަން ފެށީ، ފުންނޭވާއެއް ދޫކޮށްލަމުންނެވެ. އޭރު ޔަޝްމީ ހުރީ އޭނައަށް ދެއްކުނު ވާހަކައިން ދޮންބެ ދެރަވާނެވަރު ހިތަށް އަރައި، ހިތަށް އުނދަގޫވެފައެވެ.
" މިކަމުން އަރައިގަންނަން އަދި ވަގުތު ބޭނުން... އެކަމަކުވެސް ކޮއްކޮ ތިބުނި ކަންތަކާއިމެދު ދޮންބެ ވިސްނާނަން"
ހިތެއް ޖަހާލައިފައި ޖާވިދް ފޮނުވި މެސެޖުން ޔަޝްމީގެ ހިތަށް ކުޑަވަރެއްގެ ލުޔެއް ލިބުނު ކަހަަލައެވެ. އޭނާވެސް ރައްދުގައި ހިތެއް ޖަހާލައިފައި ޖާވިދަށް މެސެޖް ފޮނުވާލިއެވެ. ވަގުތަކީ ހާރޫން އައިސް ކޮޓަރިއަށް ވަތް ވަގުތުވެސް މެއެވެ.
" ކިހިނެއްވީ ފޯނަށް ގެއްލިފައި ތިއިނީ؟"
އެތެރެއަށް ވަތް ގޮތަށް ބެގީ ނައްޓާލަމުން ހާރޫން އެހިއެވެ. އެއާއިއެކު ލުއި ހިނިތުންވެލުމެއްގައި ހުރެ ޔަޝްމީ ތެދުވެ ހާރޫންއާ ދިމާލަށް ހިނގައިގަތެވެ.
" މާބޮޑު ކަމެއް ނުވެ! ދޮންބެއާ ކުޑަކޮށް ވާހަކަ ދައްކާލީ.."
ޔަޝްމީ ބުންޏެވެ.
" މިހާރު ޖާވިދް ކިހިނެއް؟ އަނެއްކާ އަހަރެންދެކެ ރުޅިއެއް ނާދޭތަ؟ "
ހާރޫން އެހެން އެހުމާއިއެކު ޔަޝްމީ ގޮސް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ.
" ހޫމް.. ދޮންބެއަކީ ވަރަށް ބެސްޓް މީހެއް! ނެގަޓިވްކޮށް ނުވިސްނާނެ. ދޮންބެއަށް އެނގޭނެ ހާރޫންގެ އެއްވެސް ކުށެއް ނެތްކަން"
ޔަޝްމީގެ ޖުމްލަ ނިމުމާއެކު ހާރޫން އޭނާގެ ގައިގައި ބައްދާލިއެވެ.
" ދެން ހާރޫން.. ލަހެއްވެސް ނުވޭތަ؟ "
ޔަޝްމީ ގަދަކަމުން ދުރަށް ޖެހިލަމުން ބުންޏެވެ. އެއާއިއެކު ހާރޫން ދެކޮނޑު އަރުވާލުމަށްފަހު ދުރަށް ހިނގައިގަތެވެ.
" އަސްލު އަދި ލަހެއް ނުވެޔޭ! އެކަމަކު އަވަހަށް އެއަރޕޯރޓަށް ދާން ޖެހޭނެ.. އޭރުން ތަންކޮޅެއް ފަސޭހައިގައި ކަންތައްތައް ނިންމާލެވޭނީ.. "
ޔަޝްމީ ބަންދުކޮށްފައި ހުރި ފޮއްޓާއި ދަބަހަށް ބަލައިލަމުން ހާރޫން ބުނެލިއެވެ.
***
ޝަހާނާގެ ކަމަކީ ކޮޓަރީގައި އޮވެ ރުއިމެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ގެއްލި، ހިތާމައާއި ހިތްދަތިކަން ލިބުނީވެސް ހަަމަ އަމިއްލައަށްކަން އޭނާއަށްވެސް ޤަބޫލު ކުރެވެއެވެ. ޖާވިދްގެ އޯގާތެރިކަމާއި އަޅައިލުން، އޭނާ މިއަދު ބޭނުންވާވަރު އިޙްސާސް ކުރެވޭތީ އިންތިހާއަށް އޭނާ ދެރަވެއެވެ. ނަމަވެސް ޖާވިދް އޭނާ ދެކިލާކަށް ނާދެއެވެ. ޙާލުބަލައެއް ނުލައެވެ. އެހެންކަމުން ޝަހާނާގެ ހިތުގައި އިތުރަށް ވޭންއަޅަމުން ދިޔައެވެ.
" މަންމާ! އަހަރެން މިހާ ބަލި އިރުގައިވެސް ޖާވިދް އަހަރެންގެ ޙާލުވެސް ބަލައި ނުލާތަ؟"
ބަތްޕެން ތައްޓެއް ހިފައިގެން ކޮޓަރިއަށް ވަތް ވަދީފާގެ ގާތު ޝަހާނާ އަހައިލީ ދެލޮލުން ކަރުނަ ފުހެލަމުންނެވެ.
" ތިހެން އުއްމީދު ކުރީތީވެސް އަހަރެން ދެރަވެއްޖެ! ކިތައް ފަހަރު ބުނާނީ ޖާވިދެއް ދެން ނާންނާނެޔޭ! ތިމާ އަމިއްލައަށް ހަނދާންކޮށްލަބަލަ ތިމާ ކުރި ވިޔާނުދާ، ނުބައި ކަންތައް! ޖާވިދްގެ މަޢާފެއްވެސް ނުލިބުނެއްނު"
ޝަހާނާގެ މަގަތުގައި އިށީންނަމުން ވަދީފާ ވާހަކަ ދެއްކީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހި އިނދެއެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ޝަހާނާ ތެދުވެ، މަންމައާ ދާދި ގާތުގައި އިށީނދެ އަނެއްކާވެސް ދެރަވެލާފައި ވާހަކަ ދައްކަން ފެށިއެވެ.
" އެކަމަކު މަންމާ! އަހަރެންގެ ބަނޑުގައި މިއޮތީ ޖާވިދްގެ ދަރިއެކޭ! މި ޚަބަރު އޭނައަށް ލިބުނީމަވެސް އޭނަ ނާދެއެއްނު.."
" މަންމަ ބުނަންތަ ވާހަކައެއް! ޝަހާނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު.. މީހުން ބުނާނެ ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެޔޭ! އެކަމަކު ޝަހާނާ ކުރި ހަޑި ކަންތަކާމެދު މި މަންމައަށް އަދިވެސް މަޢާފެއް ނުކުރެވެޔޭ.. ތާއަބަދު މި ދުޢާކުރަނީ ދަރިފުޅުގެ ފާފަ ފުއްސެވުމަށްއެދި. އާޚިރުގައި ދަރިފުޅާއިމެދު ކަންތައްވާނެ ގޮތް ދެނެވޮޑިގެންވާނީ މާތްﷲ"
ރޮވިފައި އިނދެ ވަދީފާ އެހެން ބުނުމާއެކު ޝަހާނާ އިސްޖަހާލީ އޭނާއަށް ރޮވޭތީއެވެ.
" އެ ނާއިފްވެސް ރަނގަޅު ނުވެ އެހުރީ.. އެކަން ކުރި ނުކުރި ގޮތެއް އެއްވެސް މީހަކަށް އެނގެނީއެއްނޫން.. ކިހިނެއް ދެން ރަނގަޅު ކުރާނީވެސް.. އޭނައަށް ނޭނގެ އޭނަގެ އަމިއްލަ ނަފްސުވެސް.! އޭނަގެ ބަލި ބައްޕަ ގޮވައިގެން އެއުޅެނީ އެސޮރު މަންމަ.. މުސްކުޅިވީ ދުވަހު ހުސް ބަލި މީހުން ބަލަން އެޖެހުނީ.."
މޫނުމަތިން ފެންތައް ފުހެލަމުން ވަދީފާ ކިޔައިދިނެވެ. އެއަޑުއަހަން އިން ޝަހާނާ ކޮންމެވެސް ވަރަކަށް ޖެހިލުންވީ ނަމަވެސް އިތުރަށް އެއްވެސް ސުވާލެއްކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ.
" އަހަރެން ކޮންމެ ދުވަހަކު ތަޢުބާވަން.. އެހެންވީމަ ރަނގަޅު ގޮތެއް ހަމަ ވެދާނެއެއްނު.. މަންމާ! އަހަންނަށް ޖާވިދުއާ ބައްދަލް ވެވިދާނެތަ؟"
މަޑުމަޑުން ޝަހާނާ ބުންޏެވެ. އެހިނދު ވަދީފާ ޝަހާނާއަށް ބަލައިލީ ބޯ ޖަހާލަމުންނެވެ.
***
" ބުނޭ ދުވަހަކުވެސް ޝަހާނާއާ ބައްދަލް ކުރާކަށް ބޭނުމެއް ނޫނޭ! "
ވަދީފާއަށް ފުރަގަސް ދެމުން ޖާވިދް ބުންޏެވެ. އެއާއިއެކު ވީ ދެރައިން ވަދީފާއަށް އިސްޖަހާލެވުނެވެ. ނަމަވެސް ޖާވިދް ހުރީ އޭނާގެ ގޮތުގައެވެ.
" އަހަރެންގެ ފެންވަރުން އަހަރެން ޝަހާނާ ގެންގުޅުނިން. އަހަރެންގެ ފަރާތުން އުނިވާ އެއްވެސް ކަމެއް އޭނައަކަށް ނޯންނާނެ! އެކަމަކު... އެކަމަކު އަހަރެންގެ ކޮއްކޮގެ ފިރިމީހާގެ މުއްސަނދިކަމަށް ދަހިވެތިވެގެން ޝަހާނާ އެކުރި ކަންތައް، މަންމައަށް ރަނގަޅުތަ؟ މަންމަ އަމިއްލައަށްވެސް ބުނެދީބަލަ އަހަންނަށް.... ޝަހާނާއަށް މަޢާފް ދެވިދާނެތަ؟ "
ޖާވިދް ވަދީފާއާ ދިމާލަށް އެނބުރިލުމަށްފަހު ތަންކޮޅެއް ބާރަށް ބުންޏެވެ. އެއާއިއެކު ޖާވިދްގެ މޫނަށް ބަލައިލަމުން ވަދީފާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ނުދެވޭނެކަން އެނގޭ! އެކަމަކު.. އޭނަ އެއިނީ ޖާވިދްގެ ދަރިޔަކަށް ބަލިވެ! އެމަންޖެ ވަރަށް ބަލި.. ޝަހާނާ ބޭނުންވަނީ ޖާވިދްއާ އެއްފަހަރު ވިޔަސް ބައްދަލް ކޮށްލަން"
ވަދީފާ އަނެއްކާވެސް ބުންޏެވެ. ނަމަވެސް މިފަހަރުވެސް ޖާވިދް އިންކާރު ކުރިއެވެ.
" އެ ދަރިފުޅު ބޭނުންވެގެން އަހަރެން އުޅޭތާ ކޮން ދުވަހެއް! ފަހުން ފަހުން އައިސް ޝަހާނާ އުޅުނީ ދަރިޔަކު ބޭނުމެއް ނޫނޭ ކިޔައިގެން.. ދަރިފުޅަށްޓަކައިވެސް އަހަންނަށް އޭނައާ އެކީ ދެނެއް ނޫޅެވޭނެ! އަހަރެން އޭނަ ދެކޭހިތެއް ނުވޭ! ޝަހާނާގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވެގެން މިދަނީ.. އަހަރެންގެ ދަރިފުޅުވެސް އަހަންނާ ދުރުގައި އެވަނީ ހަމަ އޭނަގެ ސަބަބުން.."
ޖާވިދް އަސަރާއިއެކު ބުންޏެވެ. އެހެންކަމުން އިތުރަށް އޭނާ ރުއްސަން ވަދީފާ މަސައްކަތެއް ނުކުރިއެވެ. އެނބުރި ދާން އޭނާ ހިނގައިގަތް ވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި ފާއިޒާ ފެނުމުން އަނެއްކާވެސް އޭނާ ހުއްޓުނެވެ.
" އަހަރެންގެ ހިތުގައި ވަދީފާ މެންނަކަށް އެއްވެސް ހިތްބުރަކަމެއް ނެތް. އެކަމަކު.. ޝަހާނާގެ ސަބަބުން އަހަރެންގެ ދަރީންނަށް ލިބުނު ނިކަމެތިކަމަކީ އަހަރެންގެ ހިތުން ފިލައިގެން ދާނެ ކަމެއްނޫން.. އަހަރެންގެ ދެދަރިންގެ ދިރިއުޅުމާ އޭނަ ކުޅުނީ.. އަހަރެންގެ ހިތަށް ވަކި އަސަރެއް ނުކުރާނެތަ؟ ދެން ދައްކަން އޮތީ މާމަ ދަރިފުޅުގެ ވާހަކަ.. އިންޝާﷲ އެދަރިފުޅަށްޓަކައި ކުރަން ޖެހުނި ކޮންމެ ކަމެއް އަހަރެމެން ކުރާނަން! އެކަމަކު ޖާވިދާއި ޝަހާނާ އަލުން ގުޅުމަކީ ނެތް ކަމެއް"
ފާއިޒާ ވާހަކަ ދައްކާ ނިމުމުން ވަދީފާ ލުއިގޮތަކަށް ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތެވެ.
" އަހަރެން މިއައީ ތިކަހަލަ ވާހަކަތައް އަޑު އިވޭނެކަމަށް އުއްމީދުވެސް ކޮށްގެން.. އެކަމަކު ޝަހާނާގެ އެދުމަށް ދެން ދެވަނަ އަހަރެންވެސް މިގޭ އޮޅި ގިރާކުރާކަށް ނެތިން! އަހަރެންގެ ދަރިފުޅުގެ ފަރާތުން އަހަރެން މަޢާފަށް އެދެން.."
ލަދުން ހުރެ ވަދީފާ އެހެން ބުނެ ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ފާއިޒާ ހުރި ނަމަވެސް ޖާވިދް އޭރުވެސް ހުރީ ފުރަގަސްދީގެންނެވެ.
" ކޮންމެ މަހަކުވެސް ކޮންމެވެސް ވަރަކަށް ޝަހާނާއަށް ލާރި ފޮނުވަންވީނު! މާބަނޑުއިރު ރަނގަޅު ކާއެއްޗެހި ކާންޖެހޭނެ! ޑޮކްޓަރަށްވެސް ދައްކަން ދާނެ! އެހެންވީމަ ފައިސާ ބޭނުންވާނެ.. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް އަންނަންދެންވެސް ޚަރަދު ކުރަންޖެހޭނެ.. "
ޖާވިދްގެ ބުރަކަށީގައި އަތް ޖައްސާލަމުން ފާއިޒާ ބުންޏެވެ. ނަމަވެސް އޭރުވެސް ޖާވިދް ހުރީ ކޮންމެވެސް ފިކުރެއްގައެވެ. އޭނާ އަނގައިން ނުބުމުން ފާއިޒާވެސް ބޭރަށް ނިކުތީއެވެ.
***
ޔަޝްމީއަށް ލޯ ހުޅުވާލެވުނީ ހާރޫން އޭނާގެ ކޮލުގައި މަޑުމަޑުން ޖަހާލީމައެވެ. އޭރު އޭނާ އޮތީ ވަރަށް ބޮޑަށް ފިނިވެފައެވެ. ނަމަވެސް ލޯ ހުޅުވާލެވުމާއެކު ނިދިވެސް ފިލި ކަހަލައެވެ. ކާރުގެ ކުޑަދޮރުން އޭނާއަށް ފެންނަމުން ދިޔައީ ތަފާތު މަންޒަރެކެވެ. ދުވަހަކުވެސް ނުފެންނަހާ ރީތިކަމެކެވެ.
" ހޮޓެލްއަށް އާދެވުނީ..."
އުފާވެރިކަމާއެކު ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ އަނެއްކާވެސް ބޯ ގުދު ކޮށްލައިފައި ބޭރު ބަލައިލިއެވެ. މީގެ ކުރިން ދުވަހަކުވެސް ލޮލަށްވެސް ނުފެންނަ އެތައް ކަމެއް އޭނާ ދަނީ ތަޖުރިބާ ކުރަމުންނެވެ.
" މަތިންދާ ބޯޓަށް އެރިއްޖެ! އެއަރޕޯޓުގައި އުޅެވިއްޖެ! ވަރަށް ގިނަ އިރު ކާރުވެސް ދުއްވިއްޖެ! "
ކާރުން ފޭބުމަށްފަހު ހާރޫންގެ ކޮނޑުގައި ބޯ ޖައްސާލަމުން ޔަޝްމީ ބުންޏެވެ. އޭރު ޑްރައިވަރު އެމީހުންގެ ދަބަސްތައް ޑިކީން ނަގައިގެން ހޮޓެލްއާ ދިމާލަށް ދެއެވެ.
" ހޫމް ހޫމް.. ކުރިއަށް އެބަހުރި އަދި މާ ގިނަ ކަންތައްތައް"
ޔަޝްމީގެ ބޮލުގައި ޖަހާލަމުން ހާރޫން އޭނާގެ އަތުގައި ހިފިއެވެ. އަދި ހޮޓެލްއަށް ވަންނަން ހިނގައިގަތެވެ. އެއީ ހިތްގައިމު އަމާން ސަރަޙައްދެކެވެ. ފެހިކަން ގަދަ ގަސްބޯ ހިސާބެކެވެ. ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ ޤުދުރަތީ ހިތްގައިމު މަންޒުތަކެވެ. މާ ދުރުން ފެންނަ ހިމަ، ދިގު ރަބަރުގަސްތައް ހުރި ސަރަހައްދަށް ދާހިތުން ޔަޝްމީ ކެތްމަދުވީ ފަދައެވެ. އޭރު ފެހިވިނައިން ފުރިފައިވާ ބޮޑެތި ފަރުބަދަތައްވެސް ދުރުން ފެނެއެވެ.
" ފޮޓޯ ނަގަން ދާހިތްވެއްޖެ"
ހޮޓެލްއަށް ވަތް އިރުގައިވެސް ޔަޝްމީގެ ނަޒަރު ހުއްޓިފައި ހުރީ ބޭރަށެވެ. އެހެންކަމުން ހާރޫން ޔަޝްމީގެ ދެކޮލުގައި ހިފައި މޫނު އަނބުރާލަމުން ހިނިގަނޑެއްޖަހާލިއެވެ.
" ހަމަ ރަނގަޅަށްވެސް ކުޑަކުއްޖެއް ގޮވައިގެން މި އާދެވުނީ! ފުރަތަމަ ޗެކިން ވެފައި ރޫމަށް ހިނގާބަލަ"
އެވަގުތު ޔަޝްމީއަށް ލޮބީ ތެރެއަށް ބަޒަރު ހިންގާލެވުނެވެ. އެއީ ދުވަހަކުވެސް އޭނާ ނުދެކޭފަދަ ރީތި ތަނެކެވެ.
" ހާ...ރޫ...ންންން"
ދަތްވިކާލުމަށްފަހު ޔަޝްމީ ހާރޫންގެ އަތަށް ފިތާލީ އެތަން ރީތިކަމުން އޭނާއަށް ބަލަން ނުކެރިގެންނެވެ.
" ހޫމް ދެން މަޑުން ހުރެބަލަ! "
ގަދަކަމުން ހިނިގަނޑު މައިތިރިކޮށްލަމުން ހާރޫން ޔަޝްމީއާ މޫނު ގާތްކޮށްލަމުން ބުނެލީ، އެމީހުންނާ ދިމާލަށް އަންނަ މުވައްޒަފެއް ފެނިގެންނެވެ. އޭނާ އައިސް އެމީހުންނަށް ސަލާމްކޮށްލުމަށްފަހު ޕާސްޕޯޓު ހިފައިގެން އެނބުރި ދިޔައެވެ.
" އަޅެ އަޅެ ފޯރި އެބަހުރި! އަހަރެން މިހާރު ލަދުވެސް ގަނެޔޭ އެބަ"
ޔަޝްމީ ހެވިފައި އިނދެ ތަންތަން ބަލާތީ ހާރޫން ބުނެލީ ދިމާކޮށްލުމުގެ ގޮތުންނެވެ.
" އަހަރެން ހޭނެތިދާނެ ހާރޫން..ބަލައިލަބަލަ މަތި!"
އަނެއްކާވެސް ޔަޝްމީ ބުނެލީ ވަރަށް ސިއްރުންނެވެ. އޭރުވެސް ހާރޫންއަށް ހަމަ ހެވެނީއެވެ. ނޭނގޭކަމަށް ހަދާފައި ހާރޫން މައްޗަށް ނަޒަރު ހިންގާލުމާއެކު އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއީ ހޮޓެލްގެ ލޮބީގެ ސީލިންގގެ ޑިޒައިން ފެނި ޔަޝްމީ އަޖައިބުވީ ވަރުންނެވެ. ރީތި ޑިޒައިންތަކާއި ތަފާތު އެކިއެކި ބޮކިން ދިއްލާލައިފައިވާ އެ ސީލިންގ ކިތަންމެހާވެސް ރީއްޗެވެ. އެފަދަ މަންޒަރުތައް މީގެ ކުރިން ހާރޫންއަށް ފެނިފައި ވީ ނަމަވެސް ޔަޝްމީއަށް އަދި ވަރަށްވެސް އަލެވެ.
" ދެން ހާރޫން.. އަހަންނަށް މަލާމަތްކުރަނީދޯ"
މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި އޭނާއާ ގާތްކޮށްލަމުން ބޯ ހޫރާލިއެވެ. އެވަގުތު ދާދި ގާތުން މީހަކު ކަރުކެހިލުމުން ހާރޫންގެ އިތުރުން ޔަޝްމީއަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއިއެކު އަވަސް އަވަހަށް ހާރޫން ކޮޅަށް ތެދުވީ ހެވިފައި ހުރެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!