ދިވެހި ރެޑް ކްރެސެންޓްގެ 14 ވަނަ އަހަރީ ދުވަހާއި، ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ބާއްވަމުން އަންނަ އާއިލީ ހަވީރު، މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.
ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ.
މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހިމެނިގެންދާނެކަމަށާއި، މި ސްޓޯލްތަކުގައި ކުޑަކުދިންނާއި އެނޫންވެސް އުމުރުތަކުގެ ފަރާތްތަކަށް ހާއްސަ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށެވެ.
މި އަހަރުގެ ފެސްޓިވަލްގައިވެސް، ރެޑް ކްރެސެންޓްގެ އެކި ސްޓޯލްތަކުގެ އިތުރުން، ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ ފަރާތުން ސްޓޯލްތައް ބައިވެރިކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޢަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ކުޅުދުއްފުށި ކަސްޓަމްސް، އަދި ޔަންގް ލީޑަރސް ކުޅުދުއްފުށި ބްރާންޗް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހިމެނެއެވެ.

ހިއުމެނިޓޭރިއަން ފެސްޓިވަލްގައި ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކަކާއި، ކެރިއަރ ގައިޑެންސްގެ މަޢުލޫމާތު އަދި ކާބޯތަކެތި ލިބޭ ކެންޓީނެއްވެސް ހުންނާނެކަމަށް ރެޑް ކްރެސެންޓް އިން މަޢުލޫމާތު ދެއެވެ.
ދިވެހި ރެޑް ކްރެސެންޓް އިން އަންނަނީ، މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި އާއިލީ ހަވީރު ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!