ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީން މެޖޯރިޓީ ނަގާނެކަމަށް ދަ ޑިމޮކްރެޓްސް އިން ހާމަކޮށްފި އެވެ.
ޑިމޮކްރެޓްސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އެތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މޭޔަރު މުހައްމަދު އާތިފް އަދި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީން ވަކިވުމަކީ ބޮޑު އަސަރެއް ޕާޓީއަށް ކުރާނެ ކަމެއް ނޫން ކަމަށެވެ.
މެމްބަރު ޔާސިރާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވަނީ އިއްޔެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، އެބޭފުޅުން ވަކިވި ނަމަވެސް ކުޅުދުއްފުށީ ސިޓީން ލިބޭ ވޯޓަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ. އޭގެ ބޮޑު އަސަރެއް އެޕާޓީއަށް ނުކުރާނެކަމަށާއި ކުޅުދުއްފުށީގެ ވޯޓު އިރާދަކުރެއްވިޔާ ދަ ޑިމޮކްރެޓްސް އަށް ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވި އެވެ.
"ވަރަށް ގިނަ ބަޔަކު މި ޕާޓީއަށް ސޮއި ކޮށްފައިވޭ އާއްމު މެންބަރުންގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެން މެޖޯރިޓީ ނަގާނަން. ދަ ޑިމޮކްރެޓްސް އިން."
އާންމު މެންބަރުން ޕާޓީ ދޫކޮށްފައި ނުދާކަން ފާހަގަ ކުރަމުން އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔާސިރު ޕާޓީން ވަކިވެވަޑައިގެންނެވީ، ރަނިންމޭޓުކަން ނުވަތަ ބޭނުންވެވަޑައިގެންނެވި މަގާމެއް ނުލިބިގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ޔާސިރު އެޕާޓީއާއި ގުޅިވަޑައިގެންފައިވަނީ އެފަދަ އެއްވެސް ޝަރުތަކާއި ނުލައި ކަމަށާ، އެހެންކަމުން، ޕާޓީން ވަކިވެފައިވަނީ އެފަދަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.
ކުޅުދުއްފުށިން އެޕާޓީއާއި ގުޅުނު މީހުން ޕާޓީއާ ގުޅުނީ މަގާމާއި އަމިއްލަ ކުރިއެރުމަށްޓަކައި ނޫން ކަމަށާއި ޕާޓީގެ ފަލްސަފާތަކާއި ސިޔާސަތުތައް ގަބޫލުކުރެވޭތީ ކަމަށެވެ. އިމްތިޔާޒު ވިދާޅުވީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބެއް ނޭނގޭ ކަމަށެވެ.
އިންތި އެފަދައިން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސް އިން ރިޔާސީ ރޭހަށް ނުކުމެ ކެމްޕެއިން ކުރަން ފެށިފަހުން ޔާސިރު ޕާޓިގެ ހަރަކާތްތަކުން އެއްފަރާތަށް ޖެހިވަޑައިގެން ހުންނެވިކަން ފާހަގަވެފައިވެއެވެ.
ކުޅުދުއްފުށީގެ މަޝްރޫއުތަކުގެ ސްޕީޑް ލަސް ކަމަށާއި، އެ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނައިފައިވާއިރު އޭގެ ތެރެއިން ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ނުނިމޭތީ ކަމަށް ވިދާޅުވެ އެމްޑީޕީ ދޫކޮށް ވަޑައިގަނެންނެވި ޔާސިރު އަލުން އެމްޑީޕީއަށް ގުޅުނު ސަބަބެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!