ރިޔާސީ ދެވަނަ ދައުރަަކަށް ހޮވިވަޑައިގެންފިނަމަ، އއ. ތޮއްޑޫ އަށާއި އެ އަތޮޅު ރަސްދޫއަށް ކޮށްދެއްވާނެ ކަންކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަންކަން ހާމަކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އއ. އަތޮޅަށް ވަޑައިގެން އެ ދެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ތޮއްޑޫއަށް ވަޑައިގެން ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ، އެރަށުގައި ސޯޝަލް ސެންޓަރެއް ގާއިމްކުރައްވައި، ސްކޫލަށް ހަ ކްލާސްރޫމް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ކައުންސިލަށް އާ އިމާރާތެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގައި އައު މިސްކިތެއް އަޅުއްވައިދެއްވާ، މަލްޓި-ފެސިލިޓީ ޕާކެއް ހައްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެ އަތޮޅު ރަސްދޫ އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކައުންސިލުން އެދިފައިވާގޮތަށް އޮފީސް ކޮމްޕްލެކްސް އެއް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އަތޮޅު ތައުލީމީ މަރުކަޒަށް މަލްޓި ޕާޕަސް ހޯލަކާއި، މަލްޓި ސްކިލް ކްލާސްރޫމެއްގެ އިތުރުން ލައިބްރަރީ ކޮމްޕިއުޓާ ލެބް އަކާއި ޕްލޭ އޭރިއާއެއްވެސް ހައްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރަސްދޫގައި ސްވިމިން ޓްރެކަކާއި ފުޓްބޯޅަ ސްޓޭޑިއަމެއް ގާއިމްކޮށްދޭނަކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި މިއަދު އއ.އަތޮޅަށް ވަޑައިގެންފައިވާއިރު އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ އެއަތޮޅު ތޮއްޑޫއަށެވެ. އެއަށްފަހު މިއަދު ބޮޑުފޮޅުދޫއާއި، މަތިވެރި، މާޅޮސް، ފެރިދޫ، އަދި އުކުޅަހަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
ސާލިހުގެ މި ދަތުރުފުޅުގައި ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ، އަދި އުކުޅަހަށް ވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!