ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ދަނީ ހަލުވި ކަމާއެކު ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 583 މީޓަރުގެ ބޭރުތޮށި ލުމާއި، 316 މީޓަރުގެ އެއްގަމުތޮށި ލުމާއި، 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 2 ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!