ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު ހިންގަމުން ދަނީ މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ މަސައްކަތުގައި އުޅޭ ބަޔަކު ފެންނަ ވީޑިއޯއެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. އެ ވީޑިއޯ އަށް އިޝާރާތް ކުރައްވައި ޓޮމް ވިދާޅުވީ، އެއީ 136 މިލިއަން ޑޮލަރުން ދިވެހި ދައުލަތް ޒިންމާވެ، އިންޑިޔާގެ ޖޭއެމްސީ ޕްރޮޖެކްޓްކްސް ހަވާލުކޮށްފައިވާ ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓް ކަމަށެވެ.

Ad
rt

’’މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްދަނީ.’’ އޭނާ ވިދާޅުވެފަވެއެވެ.

18 ޖެނުއަރީ 2023 ގައި އަމަލީ މަސައްކަތް ފެށި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.

މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.