ހދ. ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށާއި އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މުއިއްޒުގެ އިގުތިސާދީ ސިޔާސަތާއި ގުޅޭ ބައެއް ކަންކަން ހާމަކުރައްވައި ވިދާޅުވީ ހދ. އަތޮޅަށް އިގުތިސާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށާއި އެކަން ކުރާނީ ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް، ރާއްޖޭގައި ފައިސާ ދެމެހެއްޓުމަށް އިންވެސްޓްމަންޓް ބޭންކެއް ވެސް އުފައްދާނެކަން ހާމަކުރައްވައި ވިދާޅުވީ ޕްރައިވެޓް ސެކްޓާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ މުހިންމު ފުރުސަތަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން މިހާރު ބައެއް މަޝްރޫއުތައް ހަވާލުކުރުމުގައި ވަކި ކުންފުނިތަކަކަށް މަންފާވާގޮތަށް ހިންގޭ ކަންކަން ނިމުމަކަށްގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަށް ހަމަހަމަ ފުރުސަތުތަކެއް ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި މިކަމާއި ގުޅޭ ގާނޫނުތައްް ވެސް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މުއިއްޒު މާލެ ސިޓީން ބޭރުގައި ބާއްވާ ފުރަތަމަ ކެމްޕެއިން ހަރަކާތްތަކަށް ބޮޑު ތިލަދުންމަތި ހަމަޖައްސަވައި، އޮގަސްޓު 12 ގައި ފެއްޓެވި ދަތުރުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކަށް ވެސް ފައިނޭންސް ކުރެވޭނެ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އެގޮތުން އެމްއެމްއޭއާއި ބީއެމްއެލްފަދަ ކޮމާޝަލް ބޭންކްތަކުން، އިންޓްރެސްޓް ކުޑަ ރޭޓްގައި ގެދޮރު އެޅުމަށް ލޯނު ދޫކުރައްވާނެ ކަމަށާއި ބިން އޮވެ ގެދޮރު ނޭޅިތިބި މީހުންނާއި، ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް ވެސް މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ކުޅިދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއަކީ މުޢިއްޒުގެ ކެމްޕެއިންގައި އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ. ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުގައި ހދ. އަތޮޅުގެ 4 ރަށަކަށް އަދި ހއ. އަތޮޅުގެ 7 ރަށަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.