ކުދިން ތަރުބިއްޔަރު ކުރުމުގައި މުޖުތަމައުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ ކުދިންގެ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓީޗަރުންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުން ވެސް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައި އައު މައުލޫމާތާއި އިލްމު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް ވަނީ ހިތްވަރުދެއްވާފައެވެ.
"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން"ގެ ނަމުގައި ބޭއްވި މި ފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ.
މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާއި އޯ-ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބޭއްވި ފޯރަމެކެވެ.
މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 10،9 އަށް ކިޔަވައިދެއްވާ 258 ޓީޗަރުން ބައިވެރިވި މި ފޯރަމްގައި މައުލޫމާތު ދީފައިވާ މާއްދާތަކުގެ ތެރޭގައި އިނގިރޭސި، ހިސާބު، ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް ހިމެނޭއިރު ފޯރަމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
އެކި ސެޝަންތަކަށް ބަހާލައިގެން ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ވަނީ މިފޯރަމްގައި ބައިވެރިވެރިވި ސްކޫލްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!