ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާ އެ މަސައްކަތައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަން ނެތިގެންކަން ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖެ މިހާރު ފައްކާވަމުން ދަނީ ޒަމާނީ ޑިމޮކްރަސީއަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ރަށް ރަށުން ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެ، ނިމެމުންދާ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގައި އޮތް ހަލަބޮލިކަމާއި ހަމަނުޖެހުން ހުއްޓުމަކަށް މިހާރު ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތަރައްގީގެ މަސައްކަތްތައް ކުރާ އިރު، އެންމެ މުހިންމު ކަމަކީ ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސާލިހު ވިދާޅުވީ ރަށްރަށާ ދޭތެރޭގައި އަޅާލަން ޖެހޭ ވަރަށް އެ ރަށް ރަށުގައި މަސައްކަތް ކުރެވިފައި ނެތް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދައުރުގައި މި މަސައްކަތަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް ރައްޔިތުންގެ ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެން ނޫން ނަމަ، ބޭކާރު އެތައް ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭނެ ކަމަަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!