މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތުގައި 35،849 މީހުން ރަޖިސްޓާކޮށްފި އެވެ.

އީސީން ބުނެފައިވާ ގޮތުގައި ރީ-ރަޖިސްޓަރީވާން ދިން ފުރުސަތުގައި ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ 42،867 މީހުންނެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 22،882 މީހުންނާއި ފޯމު މެދުވެރިކޮށް ހުށަހެޅި 19،985 މީހުންނެވެ. މީގެތެރެއިން 6،736 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ.

Ad
rt

ރީ-ރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 4،606 ފޯމުގެ ތެރެއިން 4،010 ފޯމު ރަޖިސްޓާކޮށްދީފައިވާއިރު، ބާކީ 596 ފޯމު ބަލައިގެންފައެއް ނުވެ އެވެ.

ޖަލު ތަކުގައި ތިބި 1،443 ގައިދީއަކު ވެސް ވަނީ ރީރަޖިސްޓްރީ ކޮށްފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އަށް ހަމަވެފައިވާއިރު މި އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

މި އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ނަގާނީ ސެޕްޓެމްބަރު 30 ގައެވެ.