އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.
އިންގްލެންޑްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ކޭން ގަތުމަށް ބަޔާނުން މަސައްކަތްފަށައި، ބަޔާނުން ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯއެވެ. މަޝްވަރާތައް ދިގުލައި ގޮތްތަކެއް ނުހޯދިފައި އޮތުމަށްފަހު ބަޔާނުން ވަނީ ކޭން ގަތުމަށް މިދިޔަ ހަފްތާތެރޭ 100 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައި ހުކުރު ދުވަހުގެ ނިޔަލަށް އެ ބިޑާއިމެދު ގޮތެއް ނިންމަން ޓޮޓެންހަމަށް އަންގާފައެވެ.
ކޭން ގަތުމަށް ހުށަހެޅި ބިޑު ބަޔާނުން ބޮޑުކުރި ނަމަވެސް ޓޮޓެންހަމުން ކޭން އެ އަގުގައި ވެސް ބަޔާނަށް ވިއްކާލަން ބޭނުން ނުވުމުން ބަޔާނުން މިހާރު ވަނީ އެ މަސައްކަތް ހުއްޓާލާފާއެވެ.
ޓްރާންސްފާ މާކެޓް ބަންދުވާން ތިން ހަފްތާއަށް ވެފައިވާއިރު، ބަޔާނުން އަދިވެސް އަންނަނީ އެ ޓީމްގެ ސެންޓަ ފޯވާޑުގެ މަގާމަށް މޮޅު ކުޅުންތެރިޔަކު ލިބޭތޯ މަސައްކަތް ކުރަމުންނެވެ.
ކޭން ޓޮޓެންހަމްއާއިއެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. ޓޮޓެންހަމުން ކޭންގެ އެއްބަސްވުން އައުކުރަން ބޭނުންވީ ނަމަވެސް ކޭން އެ ގޮތް ބޭނުންނުވާތީ އެކަން އޮތީ ހުއްޓިފައެވެ. ޓޮޓެންހަމަށް ކޭންގެ އެއްބަސްވުން އައު ނުކުރެވިއްޖެނަމަ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގައި ކޭން ބޭނުންވާ ޓީމަކަށް އޭނާ ބަދަލުވުމުގެ ފުރުޞަތު އޭނާއަށް ލިބިގެންދާނެއެވެ.
ޓޮޓެންހަމްއާއިއެކު ކޭންއަށް ތައްޓެއް ހޯދިފައި ނުވިނަމަވެސް އޭނާއަކީ ގޯލާއި ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ބަލާއިރު ކޭންއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ މިހާތަނަށް 212 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އެލަންޝިއަރާ އަތުގައެވެ. އޭނާވަނީ 260 ލަނޑު ޖަހާފައެވެ.
ހުރިހާ މުބާރާތެއް ހިމެނޭހެން ކޭން ޓޮޓެންހަމަށް ކުޅެދިން 435 މެޗުގައި އޭނާ ވަނީ 280 ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!