ހާރޫން ގޭގައި ނެތްކަން ޑްރައިވަރގެ ފަރާތުން ޝަހާނާއަށް އޮތީ އެނގިފައެވެ. އެހެންކަމުން ޖެހިލުމެއްނެތި އޭނާ އެ ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެ ބާލީސް ނަގާ ބައްދާލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ބާލީހުގައި މޫނު ޖައްސާލިއެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ޝަހާނާ ތެދުވިއެވެ. އަދި ދުރުގައި ހުރި އަލަމާރިއާ ދިމާލަށް ހިނގައިގަތީވެސް ޖެހިލުމެއް ނެތިއެވެ. އަލަމާރި ހުޅުވާލުމަށްފަހު، ހާރޫންގެ ގަމީސްތަކާއި ޓީޝާޓްތަކުގައި އެއްކޮޅުން އަނެއްކޮޅަށް އަތް ހިންގާލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އާދަޔާ ޚިލާފް ހިނިތުންވުމެކެވެ. އެހެން ހުރެ، އަލަމާރީގެ ދޮރު އޭނާ ލައްޕާލިއެވެ. އަދި ޚިޔާލެއް ފިކުރެއްނެތި ގޮސް އެކޮޓަރިން ނިކުތެވެ.
ސޯފާގައި އޮތް އޭނާގެ ދަބަސް ނަގައިގެން ޔަޝްމީގެ ކޮޓަރިއަށްވަނީވެސް ނުހަނު ބާރަށެވެ.
" ބޮސް ؟ ހޮސްޕިޓަލްގައި! މިހާރު އަހަރެން މިދަނީ ބޮސް ބަލައި.."
ކުއްލިއަކަށް ޝަހާނާގެ ހަނދާނަށް އައީ ކާރު ޑްރައިވަރ ބުނެލި ޖުމްލައެވެ. އެއާއިއެކު އޭނާ އަވަސް އަވަހަށް ދަބަހަށް އަތް ކޮއްޕާލިއެވެ. ތުވާއްޔަކާއި ހެދުމެއް ނަގައިގެން އޭނާ ކޮޓަރިން ބޭރަށް ނިކުތެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހާރޫންގެ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެނީ ބިރުވެރި ގޮތަކަށެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޝަހާނާވަނީ ހާރޫންގެ ފާޚާނާއަށެވެ. އެއާއެކު އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފާޚާނާގެ ބިތުގައި ހަރުކޮށްފައި ހުރި ބޮޑު ލޯގަނޑުން އޭނާއަށް އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. ހިނިތުންވެ ހުރެ އޭނާގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި ލޯގަނޑުގައި އަތް ޖައްސާލިއެވެ.
" އަހަރެން މިކަން ކާމިޔާބު ކުރާނަން! ކާމިޔާބު ކުރާނީ އަހަރެންގެ މި ރީތި ސޫރަ ، ބޭނުން ކޮށްގެން"
ޝަހާނާ އެއްމިޔަކަނުން ހީލަމުން އެހެން ބުނެ ބޮލުގައި އައްސާފައިވާ ރަބަރު މޮހާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާގެ ފަން އިސްތަށިގަނޑު ނިއުޅާލިއެވެ. އެއަށްފަހު ލައިގެން ހުރި ކަޅު ކުލައިގެ ހެދުން ބޭލުމަށްފަހު ފައިބުޑަށް ވައްޓާލިއެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ލޯގަނޑަށް ބަލަހައްޓައިގެންނެވެ. ލަސްލަހުން ހުރިހާ އެއްޗެއް ގައިން ވަކިކޮށްލީވެސް އެ ހިނިތުންވުމުގައި ހުރެގެންނެވެ. އެހެން ހުރެ އޭނާ ހިނގައިގަތީ ފެންމާގަނޑު ކައިރިއަށެވެ. ރަނގަޅަށް ފެންވަރާލުމަށްފަހު ތުވާލިން ގައި ހިއްކަން ހުއްޓާ، ކޮޓަރި ތެރެއިން ހާރޫންގެ އަޑު އިވުނެވެ.
" ހަމަ ދެންމެ ހޮސްޕިޓަލުން މި އައީ ގެއަށް! ދެން ފެންވަރާލައިގެން މިދަނީ ރިސޯޓަށް.. އަންވަރު މަޑުކުރައްޗޭ އަހަރެން ދާންދެން"
އެހެން ބުނުމަށްފަހު ހާރޫން ފޯން ބޭއްވިއެވެ. ޝަހާނާއަށް ހުރެވުނީ ފާޚާނާ ދޮރަށް ބަލަހައްޓައިގެންނެވެ. ތަޅު ނުލައި ހުރީ އޭނާ ގަސްތުގައެވެ. ރޭވުން ކާމިޔާބު ވާކަށް މާގިނަ ވަގުތުތަކެއް ނެތްކަން ޝަހާނާއަށް އެނގުނެވެ. އެހިނދު އޭނާގެ ހިތްވެސް ބާރު ބާރަށް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޝަހާނާ މަޑުމަޑުން ދޮރާއި ދިމާލަށް އެނބުރިލުމަށްފަހު ބޮލުގައި ތުވާލި އޮޅާލިއެވެ. ވަގުތަކީ ފާޚާނައިގެ ދޮރު ހުޅުވާ، އެތެރެއަށް ހާރޫންވެސް ވަތް ވަގުތެވެ. އޭރު ހާރޫންގެ އުނުގައި އޮތީ ހަމައެކަނި ތުވާއްޔެވެ. ދެލޯބޮޑުކޮށްފައި ހުރި ޝަހާނާ ފެނުމާއެކު ހައިރާންކަމާއެކު ބޭއިޙްތިޔާރުގައި ހާރޫންއަށް ޝަހާނާއަށް ބަލައިލެވުނެވެ. އެއާއިއެކު އޭނާއަށް ވަގުތުން ފުރަގަސްވެސް ދެވިއްޖެއެވެ.
" ޝަހާނާ ކީއްކުރަނީ މިތާ؟"
ހާރޫން ބާރު ބާރަށް ބުންޏެވެ. އެވަގުތު ޝަހާނާވެސް ބާރު ބާރަށް ރޮއިގަތެވެ. އަދި ބޮލުން ތުވާލި ނައްޓާލުމަށްފަހު ގައިގައި އޮޅާލިއެވެ. އޭރު ހާރޫން ފާޚާނާއިން ނިކުމެ ބާރުބާރަށް ދޮރު ލައްޕައިފިއެވެ. އެހިނދު ޝަހާނާގެ ތުންފަތުން ވިހަ ހިނިތުންވުމުގެ އަސަރުތައް ފެނެއެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް ގަޔަށް ހެދުން މަހާލައިގެން ނިކުތީ ރޮމުންނެވެ. އޭރު ހާރޫން ހުރީ އަލަމާރި ކައިރީގައި ޓީޝާޓެއް ލާށެވެ. ޝަހާނާގެ ރުއިމުގެ އަޑަށް އަނެއްކާވެސް ހާރޫންއަށް ބަލައިލެވުނެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ޝަހާނާއާ ހަތަރުކަޅި ހަމަ ނުކުރެވޭތޯއެވެ.
" އަހަރެން...އަހަރެން މިއައީ އެ ކޮޓަރީގެ ފާޚާނާ ހުޅުވާލި އިރު ކުރަތްޕެއް އޮތީމަ ވަންނަން ނުކެރިގެން! ހިއެއް ނުކުރަން ހާރޫން އަންނާނެ ކަމަކަށް.. އެހެން ނޫނަސް ފާޚާނާގައި މީހަކު އުޅުނަސް މިވަގުތު މިގޭގައި މިއުޅެނީ އަހަރެންކަންވެސް ހާރޫންއަށް އެނގޭނެ! ކީއްކުރަން ގަސްތުގައި ދޮރު ހުޅުވަންވީ؟ ކާކުތޯ އުޅެނީ އަހައިވެސް ލެވޭނެއެއްނު! ހާރޫން ކީއްވެ ތިގޮތަށް ތި ކަންތައްކުރީ؟ "
ޝަހާނާ ވާހަކަ ދެއްކީ ފުރަގަސްދީގެން ހުރެއެވެ. އެއާއިއެކު ބާރުބާރަށް ހިނގާފައި އައިސް ހާރޫން ހުއްޓުނީ އޭނާގެ ފުރަގަހުގައެވެ.
" އަހަރެން ގަސްތަކު ނޫން.. އަހަންނަކަށް ނުވެސް އެނގޭ މީހަކު އުޅޭކަމެއްވެސް.. ފެންވަރަންވެގެން އަހަރެންވެސް މިވަނީ"
ހާރޫން އެހެން ބުނުމާއި އެކު ޝަހާނާ އަނެއްކާވެސް ތަންކޮޅަކަށް ހިނގައިގަތުމަށްފަހު ބާރުބާރަށް ގިސްލާން ފެށިއެވެ.
" ތަޅުނުލައި ހުރެގެންވެސް ނުވާނެ! "
ހާރޫން އެހެން ބުނުމުން ޝަހާނާ ފަސްއެނބުރި ބަލައިލިއެވެ.
" ހާރޫން ތިއުޅެނީ އަހަރެން ކުށްވެރިކުރަންތަ؟ އެއްވެސް އަންހެނަކު ގަސްތުގައި އެމީހެއްގެ ހަށިގަނޑު އެހެން މީހަކަށް ދައްކާނެތަ؟ އަދި އަމުދުން އަހަރެން ހާރޫންއަށް...... އަހަންނަކަށް ނޭނގެ ދޮރު ތަޅު ނުލެވިކަމެއް ހުރީ! މިކޮޓަރިއަށް އަންނަން ޖެހުނީމަ އަހަރެން މިބެލީ ވަރަށް އަވަސް ކުރެވޭތޯ! އެކަމަކު... އެކަމަކު... "
ހާރޫންގެ ކުރިމަތީގައި އިސްޖަހައިގެން ހުރެ ޝަހާނާ ރޮމުން ދިޔައެވެ. ހާރޫންއަށްވެސް ދެއަތުން މޫނު ފުހެލެވުނީ ކަންބޮޑުވީ ވަރުންނެވެ.
" އަހަރެންގެ ފިރިމީހާއަށް ދައްކާނީ ދެން ކޮން މޫނެއް؟ އޭނައަށް އޮޅުވާލާކަށްވެސް އަހަންނަކަށް ނުކެރޭނެ"
ޝަހާނާ މަޑުމަޑުން އެހެން ބުނެލީ ލޮލުގެ ހިމަކޮޅުން ހާރޫންއަށް ބަލައިލަމުންނެވެ. އެއާއިއެކު ހާރޫންއަށް ސިހުން ލިބިގެން ދިޔަކަން ޝަހާނާއަށް އެނގުނެވެ.
" އަހަރެން ލަދުގަނޭ މިގޭގައި ހުންނަން! ހާރޫންއަށް ފެންނަ ހިސާބުގައި ހުންނަން އަހަރެން ލަދުގަނޭ"
މިފަހަރު އޭނާ ބުނެލީ ހާރޫންއަށް ފުރަގަސް ދެމުންނެވެ. ޝަހާނާގެ ޖުމްލަތަކުން ހާރޫންގެ ހިތް އުދާސްވަމުން ދިޔައެވެ. ނުތަނަވަސްވަމުން ދިޔައެވެ. އަދި އޭނާގެ ބޮލުގައިވެސް ރިއްސައިގަތްހެން ހީވިއެވެ.
" ޝަހާ..ނާ! އަހަރެން ދެން ކީކޭ ބުނާނީ؟ އަހަންނަށް ނޭނގި ވަދެވުނީ.."
" އަހަރެން ދުށިން ހާރޫން އަހަންނަށް ބަލައިލިތަން..އެހާ އަވަހަށް އަހަރެން ތުވާލި އޮޅާލަން ވާއިރަށް އަހަރެންގެ ފައިންފެށިގެން ބޮލާހަމައަށް ހާރޫން ނަޒަރު ހިންގާލިތަން އަހަންނަށް ފެނުނު.."
މޫނުގައި ދެއަތް އަޅަމުން ރޮވެމުންދާ އަޑަކުން ޝަހާނާ ބުނެލިއެވެ. އޭރު ހާރޫންއަށް ހުރެވުނީ ދެފަރާތަށް ބޯ ހޫރާލަ ހޫރާލައެވެ.
" ތިހެން ނުބުނޭ ޝަހާނާ! އަހަރެން ގަސްތަކު ނޫން .. އެތެރެއަށް ވަތް ވަގުތު... ވަތް ވަގުތު ޝަހާނާ ހުރީ ސީދާ އަހަރެންގެ ކުރިމަތީގައި. ދެން ނުފެނިއެއް ނުހުންނާނެއެއްނު.. އެކަމަކު އަހަންނަކަށް ހިއެއްނުވެ ބަލަން ހުރެވުނު ހެންނެއް. އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނިން.. ޕްލީޒް! ތިގޮތަށް ވާހަކަ ނުދައްކާ"
ހާރޫން އާދޭހާއެކު ބުންޏެވެ. ޝަހާނާ އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލިއެވެ.
" އެންމެ ރަނގަޅު! މި ވާހަކަ އަހަރެން ނުދައްކާ ހުރެދާނަން.. އެކަމަކު ހަމައެކަނި ފިރިމީހާގެ މިލްކެއް ކަމަށްވާ އަހަރެންގެ މި ޒުވާން ހަށިގަނޑު، ހާރޫންއަށް ނުފެންނަ ކަމަށް ވާނެތަ؟ އަހަރެން ފެންނަ ކޮންމެ ފަހަރަކު ހާރޫން މި ހަނދާނެއް ނުވާނެތަ؟ އަހަރެން ލަދުގަނެޔޭ ހާރޫން"
ޝަހާނާގެ އަޑުގައިވަނީ ތުރުތުރު ލުމެކެވެ. ހާރޫންއަށް ހުރެވުނީ އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެކަންތައް ބޮޑުކުރަން ޝަހާނާ މަސައްކަތްކުރަމުން ދިޔައެވެ.
" އާދައިގެ ކަމަކަށް ހަދައިގެން ހާރޫން ހުއްޓަސް، މިއީ އަހަންނަށް އާދައިގެ ކަމެއް ނޫނޭ! އަހަރެންގެވެސް އަބުރާ ޢިއްޒަތެއް އޮވެޔޭ! "
ޝަހާނާ އިތުރު ކޮށްލިއެވެ. އެންމެ ފަހުން ގޮތްވެ، ގައިން ވަރުދޫވެފައި ކަހަލަ ގޮތަކަށް ހުރެ، ހާރޫން ބުންޏެވެ.
" އަހަންނަށް މަޢާފްކުރޭ ޝަހާނާ! އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން! އަހަރެންވެސް ވަރަށް ލަދުގަނެއްޖެ! ދެރަވެސް ވެއްޖެ! އަހަރެން ވަރަށް ލަދު ގަންނާނެ ޖާވިދަށް އެނގުނަސް، ޔަޝްމީއަށް އެނގުނަސް.. އެއީ އެމީހުން އަހަންނާމެދު ވިސްނާނީ ކިހިނެއްކަމެއް ނޭނގޭނެއެއްނު.. ޝަހާނާއާމެދު ގޯސް ނިޔަތަކުން އަހަރެން ނުދެކެން.!"
ހާރޫންގެ ވާހަކަ އަޑުއަހަން ހުރެ، އެއްވެސް އެއްޗެއް ނުބުނެ ޝަހާނާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ޝަހާނާ ހުއްޓުވާކަށްވެސް ހާރޫންއެއް ނޫޅެއެވެ. އޭނާ ދިޔުމާއެކު ހާރޫން އެނދުގައި އިށީނދެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭރުވެސް އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
އެނދުމައްޗަށް ޖެހިގަނެ ޝަހާނާއަށް ހިނިތުންވެލެވުނެވެ. ހާރޫންގެ މުއްސަނދިކަމާއި ހާރޫންގެ ފިރެހެންވަންތަކަމަށް ދަހިވެތިވެވުނު ވަރުން ޝަހާނާ ބޭނުންވަނީ ކޮންމެ ޙާލެއްގައިވެސް ހާރޫން ޙާޞިލް ކުރާށެވެ.
" ގައިމުވެސް މިހާރު ހާރޫން އަހަންނާމެދު ވިސްނާނެ! ވިސްނާ ގޮތްވެސް ތަފާތު ވާނެ! މިހާރު އޭނަ ޖެހޭނީ އަހަރެންގެ ފައިބުޑަށް ތިރިވާން! އަދިވެސް އޭނަ ލައްވާ އާދޭސް ކުރުވާނަން.."
ޝަހާނާއަށް މަޑުމަޑުން ބުނެވުނެވެ.
***
އެނދުގައި އޮވެ ހާރޫން ފިކުރު ކުރަމުން ދިޔައެވެ. ވިސްނަން ބޭނުން ނުވިޔަސް ޝަހާނާ ދެއްކި ވާހަކަތައް ހަނދާންވަނީއެވެ. ޝަހާނާ އޭނައާއިމެދު ގޯސް ކޮށް ވިސްނީތީ ހާރޫން އިންތިހާއަށް ލަދުގަނެ ދެރަވިއެވެ. ޝަހާނާ ޔަޝްމީގާތުވެސް އެވާހަކަ ދައްކަފާނެޔޭ ހިތަށް އެރުމާއެކު ހާރޫންއަށް ފުންމައިގެން ތެދުވެވުނެވެ.
" އޭރުން ޔަޝްމީ ކީކޭ ހީކުރާނީ؟ އަހަންނާމެދު މާ ގޯސްކޮށް އޭނަވެސް ދެން ވިސްނާނީ"
ހާރޫންއަށް ބުނެލެވުނެވެ. އެންމެ ވަގުތު ކޮޅެއްވެސް ލަސްކުރާކަށް ހާރޫން ބޭނުމެއް ނުވިއެވެ. ގަޔަށް ޓީޝާޓް މަހާލުމަށްފަހު، އޭނާ ލައިގެން ހުރި ލިނަން ފޮތީގެ ހަރުވާޅުގެ ވާފަށް އައްސާލަމުން ކޮޓަރިން ނިކުތެވެ. އަދި ބާރުބާރަށް ގޮސް ޝަހާނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. މާ ލަސްތަކެއް ނުވެ ޝަހާނާ ދޮރު ހުޅުވިއެވެ.
" އަހަރެން ވާހަކަ އެއް ދައްކާލަން ވެގެން"
ހާރޫން އަވަސް އަވަހަށް ބުންޏެވެ. އެއާއިއެކު ބޮލުގެ އިސްތަށިގަނޑު އެއްފަރާތަކަށް ގެންނަމުން ޝަހާނާ ހޫމް އަޅުވާލިއެވެ. އޭނާ ހުރީ ލަދު ގަންނަކަމަށް ހަދައިގެން އިސްޖަހައިގެންނެވެ. މޫނުމަތީގައިވާ މައުސޫމްކަން އިތުރު ކުރުމަށްޓަކައި މޫނުމަތީގެ ޝުޢޫރުވެސް ބަދަލުކޮށްލިއެވެ.
" މިއަދު ކަންތައް ހިނގި ގޮތުގެ ވާހަކަ ސިއްރުކޮށްދެވިދާނެތަ؟ ޔަޝްމީއަށް އެނގުނަސް އެހާ ރަނގަޅެއް ނުވާނެ! "
ހާރޫން އާދޭހުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. އެހިނދު ޝަހާނާ އެއްބުމަ ހިއްލާލަމުން ބުންޏެވެ.
" އަހަންނަށް ސިއްރުވެސް ކުރެވިދާނެ! އެކަމަކު ހުރިހާ މޮޅެއްވެސް ލިބުނީ ހާރޫންއަށް! ލަދުގަންނަން މިޖެހުނީ އަހަރެން"
އެހެން ބުނުމަށްފަހު ޝަހާނާ ބާރުބާރަށް ދޮރު ލެއްޕިއެވެ. ދޮރުމަތީގައި އިރުކޮޅަކު ހުރުމަށްފަހު ހާރޫން އަނެއްކާވެސް ކޮޓަރިއަށް ހިނގައިގަތެވެ.
" ޔަޝްމީ ބަލައިދާންވީ ކަންނޭނގެދެން! އެހެން ނޫނީ އަހަރެން މިކަމާހެދި ބޯ ގޯސްވެދާނެ"
ހާރޫންއަށް މަޑުމަޑުން ބުނެލެވުނެވެ.
***
ތާއަބަދު އިންތިޒާރު ކުރަމުން ދިޔަ ފޯންކޯލް އައުމާއެކު ޔަޝްމީގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ އޭނާ ފޯނު ނެގީ ވާހަކަ ދައްކާހިތުން ކެތްމަދުވެފައިވާ ޙާލުގައެވެ.
" ބައްޕަ މިއަދު ގެއަށް ބަދަލު ކުރާނެ! އެހެންވީމަ އަހަރެން ވަރަށް އަވަހަށް ދާނަން.. ފޯމް ލާނީ މާލޭ ކޯޓަށް! ރަށުގައި މިކަންތައްގަނޑު ކުރަން ވެއްޖެއްޔާ ޔަޝްމީ މާ ބޮޑަށް ލަދުގަނެދާނެ! އެހެންވެ އަހަރެން ދާނަން ޔަޝްމީ ބަަލައި ފެށޭ ހަފްތާގައި"
ހާރޫންގެ ވާހަކަ އަޑުއަހާފައި ޔަޝްމީގެ ދެލޮލުން ކަރުނަ ހިލުނެވެ. އަދިވެސް ހާރޫން މަސައްކަތް އެކުރަނީ އެކަމައިގެންކަން އެނގުމުން ޔަޝްމީ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް ހާރޫން ބޭނުންވަނީ ޔަޝްމީ އޭނާދެކެ ލޯބިވާނަމަ އެކަން ޚުދު ޔަޝްމީލައްވައި ހާމަ ކުރުވާށެވެ. އުޅެން ބޭނުންވާނަމަ، އިސްވެ ޔަޝްމީ އެވާހަކަ އޭނާގާތު ބުނާށެވެ.
" ދެން... ހާރޫން އެހެން މީހަކާ އިންނަނީތަ؟ "
ޔަޝްމީ އެހިއެވެ. އެ ސުވާލުން ހާރޫންއަށް ހިނިތުންވެލެވުނެވެ. ޔަޝްމީ އެހިސާބަށް ވިސްނާނީ އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވާތީކަން ހާރޫންއަށް އެނގުނެވެ.
" ވަކިވުމަށްފަހު އަހަންނަކީ ޔަޝްމީއާ އެއްވެސް ގުޅުމެއް އޮންނާނެ މީހެއް ނޫން! އެހެންވީމަ ދެން އަހަރެންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކާމެދުވެސް ޔަޝްމީ ވިސްނާކަށް ނުޖެހޭނެއެއްނު"
ހާރޫން ބުންޏެވެ. އެއްޗެއް ނުބުނެ ޔަޝްމީ އިރުކޮޅަކު ހުރުމަށްފަހު ފޯނު ކަނޑާލިއެވެ. އޭނާ މާ ބޮޑަށް ދެރަވީކަމުގައި ހާރޫންއަށް ހީކުރެވުނެވެ. ޔަޝްމީ ދެރަކުރާކަށް ހާރޫން ބޭނުމެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގައި ކަންތައްތައް ހިނގަމުންދާ ގޮތުން ބައެއް ފަހަރު ބޭނުން ނުވާ އެތައް ކަމެއް ކުރަން ޖެހެއެވެ.
***
ޝަހާނާ އިނީ ސޯފާގައި ޓީވީ ބަލާށެވެ. ކުއްލިއަކަށް ހާރޫން ކޮޓަރިން ނިކުތްތަން ފެނި އޭނާ އަވަސް އަވަހަށް އިސްޖަހާލީ ގޮތް ދައްކާލަންވެގެންނެވެ.
" ޑޮކްޓަރަށް ދައްކަންދާންވީމަ އަހަންނަށް ގުޅާލާ! އޭރުން މީހަކު ފޮނުވާނަން! އަހަރެން މިދަނީ ރިސޯޓަށްދާން.. ކާން ބޭނުންވީމަ އަހަރެން މި ފޮނުވާ ނަންބަރަށް ގުޅައިގެން އޯޑަރ ކޮށްލާ"
ހާރޫން އެހެން ބުނުމުން ބޭއިޙްތިޔާރުގައި ޝަހާނާއަށް އަހަައިލެވުނެވެ.
" ހާރޫން އުޅެނީ ރިސޯޓެއްގައިތަ؟"
" އެއީ އަހަރެންގެ އަމިއްލަ ރިސޯޓެއް! އެހެންވީމަ އެތަނުގައިވެސް އުޅެން ޖެހޭނެއެއްނު! "
ހާރޫން އެހެން ބުނެލީ ބޭރު ދޮރާއި ދިމާލަށް ހިނގައިގަންނަމުންނެވެ. ހާރޫންގެ އަމިއްލަ ރިސޯޓެއް އޮންނަކަން ޝަހާނާއަށް އެނގުނީ އަދި ކިރިޔާއެވެ. އެއާއިއެކު އޭނާގެ ހިތް އިތުރަށް ހާރޫންއާމެދު ދީވާނާ ވާން ފެށިއެވެ.
" އަހަރެން އަދި ދުވަހަކުވެސް ރިސޯޓަކަށް ނުދަން! އަހަންނަށް އެ ރިސޯޓް ދައްކާލަންވީނު"
ޝަހާނާ ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!