މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ނުކުމެ ތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ އޭނާގެ ރަނިން މޭޓު އިއުލާން ކުރުމަށް މާލޭ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައެވެ.
ރޭގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްއެންޕީގެ ޕާޓީގެ އަމާޒު ތަފާތު ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީއަކީ އެންމެ ފުރަތަމަ ރިޔާސީ އިންތިހަބަށް ކެންޑިޑޭޓަކު ކަނޑައެޅި ޕާޓީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވަނީ ދިވެހި ރައްޔިތުން އެ ޕާޓީއާއެކު ތިއްބަވަން އެދި ވަޑައިގެންފައެވެ. އަދި އެ ޕާޓީ ނުކުމެ ތިބީ ރާއްޖޭގެ ކުރިމަގު އުޖާލާކޮށް، އުޖާލާ ކުރިމަގެއް ބިނާ ކުރުމަށް ކަމަށް ވިދާޅުވިއެވެ.
"މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާއި ރާއްޖޭގެ އޮނިގަނޑުގެ ތެރޭގައި ރާއްޖޭގައި ކަންކަން ކުރަން، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބާލަންށޭ މިތިބީ، ދިވެހިންނަށް މިނިވަންކަން އެންމެ ފުރިހަމަ މާނައިގައި ހޯދަންށޭ މިިތިބީ، ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދަންށޭ މި ތިބީ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ރޭގެ ވާހަކާގައި ވަނީ އޭނާގެ ސަރުކާރެއްގެ އިގްތިސާދީ ތަސައްވުރުގެ މައްޗަށް ވެސް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ މަދު ބައެއްގެ މުށު ތެރޭގައި ކަމަށާއި، ނަމަވެސް އޭނާގެ ވެރިކަމެއްގައި އެކަމަށް ނިމުން ގެނެސް، ރާއްޖޭގެ މުއްސަނދިކަން ހުރިހާ ދިވެހިންނަށް ބެހިގެންދާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ނާޒިމްގެ ރަނިން މޭޓް ރޭގައި ޢިއުލާންކޮށްފައިވާއިރު އެ މަގާމަށް ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު އެވެ.
ރަނިން މޭޓެއް ހަމަޖެއްސުމަށްފަހު މިއަދު ނާޒިމްގެ ކެންޑިޑޭޓްގެ ފޯމް އިލެކްޝަން ކޮމިޝަންސް (އީސީ) އަށް ހުށަހަޅާނެއެވެ. ފޯމް ހުށަހެޅުމަށްޓަކައި މާދަމާ ހެނދުނު 9:30 އިން ހެންވޭރު ވިންޓޭޖް ގާޑެން އިން ފެށިގެން ދަރުބާރު ގެއާ ހަމައަށް ދާނެ ކަމަށް އެމްއެންޕީން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!