ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަން މަޝްވަރާކުރަމުން އެބަދެއެވެ.

ޑރ. އަދީލް އެ މަގާމަށް ހަމަޖެއްސިކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، އެކަމާއިގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޕީގެ އިސް އޮފިޝަލަކު ''ތިލަދުން'' އަށް ވިދާޅުވީ، ޑރ. އަދީލްގެ ނަމަކީ ވެސް އެ މަގާމަށް ހަމަޖެއްސުމަށް މަޝްވަރާކުރެވުން އަންނަ ނަމެއް ކަމަށެވެ. އަދި އެކަމުގެ މަޝްވަރާ މިހާރު ވެސް ހިނގަމުން އަންނަކަމަށް ވިދާޅުވިއެވެ.

Ad
rt

ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަން މަޝްވަރާކުރަމުން އަންނައިރު، ރަނިން މޭޓް ޢިއުލާން ކުރާ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރެއެވެ.

އެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މާލޭ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.

ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ފަޔާޒް (އެފްއޭ)އެވެ. އަދި ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ އެމްއެންޕީގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

ނާޒިމްގެ ކެމްޕޭންގެ އިސް މަގާމުތައް ހަމަޖަސަމުން އަންނައިރު އޭނާ ގެންދަވަނީ ''އުޖާލާ ޒަމާން'' ޝިއާރުގެ ދަށުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.