ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓަކަށް، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހަމަޖައްސަައިފިއެވެ.

އެކަން ހާމަކުރެއްވީ އެމްޑީޕީގެ ތަރުޖަމާނު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް ވަޒީރު، އަނަސް އަބުދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ރައީސްގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިއިރު، އެ މަގާމަށް އަސްލަމް ހަމަޖައްސާނެކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ. ނަމަވެސް އެންމެ ފަހު ވަގުތާއި ހަމައަށް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް އެ ފުރުސަތު ލިބިދާނެކަމަށް ދިޔައީ ބެލެވެމުންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ހޯމާގައި ހަމަވާއިރު، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ ރަނިން މޭޓަކަށް ހަމަޖައްސާފައި ވަނީ ފަރޮސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިން މޭޓް މިހާތަނަށް އަދި ފައިނަލް ނުކުރާއިރު، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓް ވެސް އަދި ހާމަނުކުރެއެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.