އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލާނީތޯ ނުވަތަ ބަހައްޓާނީ ތޯ ކަނޑައަޅަން ބަޔާނުން ޓޮޓެންހަމަށް މުހުލަތެއް ދީފިއެވެ.
އިންގްލެންޑްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ކޭން ގަތުމަށް ބަޔާނުން މަސައްކަތްތަކެއް ކުރަމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައެވެ. ބަޔާނުން ކުރިން ވަނީ ކޭން ގަތުމަށް 80 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ނަމަވެސް އެ އަގަށް ކޭން ވިއްކާލަން ޓޮޓެންހަމުން ބޭނުމެއް ނުވިއެވެ.
މަޝްވަރާތަށް ދިގުލައި ކޭންގެ މައްސަލާގައި ދެ ކުލަބަށް އެއްބަސްވުމަކަށް މިހާތަނަށް އާދެވިފައިނުވާއިރު، ބަޔާނުން ވަނީ 100 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ހުށަހަޅައި ހުކުރު ދުވަހުގެ ނިޔަލަށް ޓޮޓެންހަމުން ކޭން ވިއްކާނީތޯ ނުވަތަ ޓީމްގައި ބަހައްޓާނީތޯ ކަނޑައަޅަން ޓޮޓެންހަމަށް މުހުލަތު ދީފައެވެ. އެ މުއްދަތުގައި ޓޮޓެންހަމުން ގޮތް ނުނިންމައިފިނަމަ ބަޔާނުން ކޭން ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ކޭން ޓޮޓެންހަމާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. ޓޮޓެންހަމްއާއިއެކު ކޭންއަށް ތައްޓެއް ހޯދިފައި ނުވިނަމަވެސް އޭނާއަކީ ގޯލާއި ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ބަލާއިރު ކޭންއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ މިހާތަނަށް 212 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އެލަންޝިއަރާ އަތުގައެވެ. އޭނާވަނީ 260 ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!