ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެފުރަތަމަ ވެރިކަމުގެ ފުރަތަމަ ނައިބު ރައިީސް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމަނިކުފާނުގެ ކުށުގެ ރެކޯޑު ސާފުކުރަން ފަށާފައިމިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

ޑރ. ވަހީދު މިވަގުތު ހުންނެވީ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ރޭ ބާއްވާފައިވާއިރު، ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އުއްތަމަ ފަނޑިިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވާނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތަކަށް އެދި، އެ ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓުގައި ވެސް އެދިފައެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި "ބެކަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަށް، ޔާމީން ވެސް އެދިވަޑައިގެންފައިވާތީ، ޕީއެންސީ އިން އެކަމަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ޕީއެންސީގެ ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި އިރު، ލިބިވަޑަގަތީ 25 ވޯޓެވެ. އާދަމް ޝަރީފަށް ލިބިލެއްވީ 23 ވޯޓެވެ.

މުއިއްޒު މިއަދު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައި އެކަން އިއުލާން ވެސް ކުރައްވާފައެވެ.