ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު އިތުރަށް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގަން ސަރުކާރަށް ނޭނގޭ ކަމަށާއި ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، އަތޮޅުތަކުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހއ. އިވަންދޫގެ އުތުރުން އޮންނަ އިހަވަން ދިއްޕޮޅުގައި ހިންގަން ނިންމި އައިހެވަން މަޝްރޫއު ހިންގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމަޝްރޫޢުއަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަން ނިންމައި، މަސައްކަތް ފެށުމަށް ހުރިހާ ކަމެއް ތައްުޔާރުކޮށްފައިވާ ތަނެއް ކަމަށާއި އެމަސައްކަތް މިސަރުކާރުން ހުއްޓުވީ ކަންކަން ކުރަން ނޭނގިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ އައިހެވަން. އެއީ އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށް ނިންމައި، އަމަލީ މަސައްކަތާ ހަމަޔަށް ގޮސް އޮއްވައި ސަރުކާރު ނިމިގެން މިދިޔައީ. ނަމަވެސް އެކަމަށްވެސް މިސަރުކާރުން މިހާރު ހަޑިއެއް ހާވައިފި.''
ޝުޖާއު ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރަން ވެފައި ހުރި ތަރައްޤީގެ އެއްވެސް މަސައްކަތެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެކަންކަން ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މި އުޅެނީ، ރަށްރަށުގައި އަޅަން ހަމަޖެހިފައިވާ ފުޓުސަލް ދަނޑުތައް އަޅަން ބޭނުންވާ ބިންތައް ދޭން. އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ، މަސްވެރިންނަށް ލިބެންޖެހޭ ހައްޤުތައް ކަށަވަރުކޮށްދޭން." ޝުޖާޢު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!