ޕްރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެ ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ.

Ad
rt

އެ ނިންމުމާއެކު މުޢިއްޒު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. މުޢިއްޒު ޕީއެންސީއަށް ސޮއިކުރި ފޯމާއި ހަވާލުވެފައި ވަނީ އިދިކޮޅު ވަގުތީ ލީޑަރ، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުށަހެޅޭނީ އެ ޕާޓީގެ މެންބަރަކަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.