ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ނިންމި ނިންމުން ސައްހަ ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ.
އެގޮތަށް ނިންމި ސަބަބަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީނުގެ މައްޗަށް އައިސްފައިވާއިރު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، ކަމަށް އީސީގެ މިއަދުގެ ނިންމުމުގައި ވެއެވެ.
އީސީގެ މިނިންމުމާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި އީސީގެ އެ ނިންމުން ސައްހަނޫން ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އީސީގެ ނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި، އީސީގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!