އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބްރޫޝިއާ ޑޯޓްމަންޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ޔުނައިޓެޑުން ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. ފާއިތުވި ހަފްތާގައި ޔުނައިޓެޑުން ވަނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެ ވެސް ބަލިވެފައެވެ.

Ad
rt

ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ޑަލޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމްގެ މާލެން ވަނީ 43 އަދި 44 ވަނަ މިނެޓުގައި ލަނޑުޖަހައި ޑޯޓްމަންޑަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އެންތަނީއެވެ. ޑޯޓްމަންޑް މެޗުން މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔޫސުފާ މުކޯކޯއެވެ.

އައު ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ވުލްވްސްއާއި ދެކޮޅަށެވެ. އައު ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުން އަދި އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. އެއީ ފްރާންސް ލީގުގެ ލެންސްއާއި ސްޕެނިޝް ލީގުގެ އެތުލެޓިކް ބިލަބާއޯއާއި ދެކޮޅަށެވެ.